ކުންފުންޏަކުން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ބަރާބަރަށް ފައިސާ ނުދައްކާ ކަމަށްބުނެ، އެ ދޯނި އަތުލަން ތޫނު ހަތިޔާރާ އެކު ބަޔަކު ރޭ އެ އަށް އަރައިފި އެވެ.
އެނގިފައިވާ ގޮތުގައި، "ފަސްކުރި" ނަމަކަށް ކިޔާ އެ ދޯނި ލ. ގަމު މީހަކު ވިއްކާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް މީގެ ދެ އަހަރު ކުރިންނެވެ. އެ ކުންފުންޏަަށް އެ ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށް ވެ އެވެ. އެކަމަކު އެއީ ޖާބިރު ބައްލަވައިގެންފައިވާ ފައިސާ ކަމަކަށް ޖާބިރު އެއްބަސްވެ ވަޑައެއް ނުގަންނަވަ އެވެ.
"އަޅުގަނޑުގެ ނަމުގައި އެއްވެސް ބަޔެއްގެ ދޯންޏެއް ގަނެފައެއް ނުވާނެ. ތިޔަ ވިދާޅުވާ ދޯންޏަކީ އަޅުގަނޑަށް އެނގޭ ކަމެއް ވެސް ނޫން،" ޖާބިރު ވިދާޅުވި އެވެ.
"އެހެން ނޫނަސް، އެކަހަލަ މުއާމަލާތެއްގައި ފައިސާ ނުދެއްކިޔަސް ކިހިނެއްތޯ ހަތިޔާރާ އެކު ބަޔަކަށް ދޯންޏަކަށް އެރޭނީ. މި ރާއްޖޭގައި މިކަހަލަ މައްސަލަތަކުގައި އުސޫލުތަކެއް އޮވޭ ނޫންތޯ،" ޖާބިރު ވިދާޅުވި އެވެ.
މި މައްސަލައިގައި ތިރީހަކަށް މީހުންގެ ގުރޫޕަކުން ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެ ދޯންޏަށް ރޭ އެރީ ލ. އަތޮޅު ވަޑިނޮޅު ކައިރީގައި ދިއްލައިގެން އޮއްވަ އެވެ.
އެ މައްސަލައިގައި، މީޑިއާ އަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ، ރޭ 11:55 ހާއިރު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯނި ގަމު ތުނޑި އަށް ކައިރިކޮށް، އެ އަށް އިތުރު ބަޔަކު އެރިއަސް އެއްވެސް މާރާމާރީއެއް ހިންގާފައިވާ ނުވާ ކަމަށް ބުންޏެވެ.
"އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
"މި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ފުލުހުން ދަނީ ކުރަމުންނެވެ."