ހަނގުރާމަ އަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކު ރާއްޖެ އައުމުން މިއަދު ހައްޔަރުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައިި ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އޭނާ އަކީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ކަމަށް އެ ޓްވީޓްގައިވެ އެވެ.
ފުލުހުން ފަހުން ބުނީ، އެ މީހާގެ ގެ ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަަމަށެވެ.
ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައެއް ދިވެހިން ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގައި މިހާރު ވަނީ މަރުވެފަ އެވެ.
ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އައި ބައެއް މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.