ޒިއުރިކް (ސެޕްޓެމްބަރު 23) - ޓީވީ ރައިޓްސް ނެގުމުގައި ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ އަށް ރިޝްވަތު ދީފައިވާ ކަމަށް ބުނެ ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީގެ މައްޗަށް ސްވިޓްޒަލެންޑްގެ ޕްރޮސެކިއުޓަރުން އުފުލާފައިވާ ދައުވާގައި އޭނާ އަށް ޖަލު ހުކުމެއް އިއްވަން ކޯޓުގައި ޕްރޮސިކިއުޓަރުން އެދެފި އެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި މި ވަގުތު ވެސް ބޮޑު ސަސްޕެންޝަނެއްގައި ހުރި ކުރީގެ ނޫސްވެރިޔާ ވަލްކޭ އަދި ޕީއެސްޖީގެ ރައީސް ހެއްލާފީގެ އިތުރުން އެހެން ވިޔަފާރިވެރިއެއްގެ މައްޗަށް ސްވިޓްޒަލެންޑްގެ އެޓާނީ ޖެނެރަލްގެ ފަރާތުން ވަނީ ވޯލްޑް ކަޕް ޓީވީ ރައިޓްސް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުކޮށްފަ އެވެ.
ސްވިސް ފެޑެރަލް ކޯޓް އޮފް ބެލިންޒޯނާ އިން އަންނަނީ ވަލްކޭއާ ގުޅުން ހުރި ދެ މައްސަލައެއް ބަލަމުންނެވެ. އޭގެ ތެރެއިން ހެއްލާފީއާ ގުޅޭ މައްސަލަ އަކީ އޭނާ ހިންގާ ގަތަރުގެ ބެއިން ސްޕޯޓްސް އަށް ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް ހޯދުމުގައި ވަލްކޭ އަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އާއި ޕީއެސްޖީ ރައީސްގެ ގޮތުގައި އަދި ޔުއެފާ އެގްޒެކްޓިވް ބޯޑް މެމްބަރެއްގެ ހައިސިއްޔަތުގައި ހުރެ ބާރުގެ ނުފޫޒު ބޭނުންކޮށްގެން މަންފާއެއް ހޯދުމުގެ ދައުވާ އެވެ. ހެއްލާފީ އަކީ ޔުއެފާގެ އިސް މަގާމެއް ފުރާ އޭޝިއާ އަށް ނިސްބަތްވާ ފުރަތަމަ މީހާ އެވެ.
ތިން އަހަރު ވަންދެން ސްވިޓްޒަލެންޑްގެ ޕްރޮސެކިއުޓަރުން މި މައްސަލަ ތަހުގީގުކޮށް ގިނަ ހެކިތަކެއް ވަނީ ހޯދައިފަ އެވެ. ކޯޓުގައި ކުރިއަށްދާ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ސްވިޓްޒަލެންޑްގެ ޕްރޮސެކިއުޓަރުން އެންމެ ފުރަތަމަ ވެސް އެދުނީ ހެއްލާފީ އަށް 28 މަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ މި ވަގުތު ވެސް އޭނާ އަންނަަނީ ފައިސާގެ ނުފޫޒު ފުޓްބޯޅައިގައި ހިންގަމުން ކަމަށްވާއިރު، މި މައްސަލަ ކޯޓުގައި ނުނިމެނީސް އިތުރު ކަންތައްތަކެއް ކުރުމުން ސަލާމަތްކުރުމަށް ކަމަށް ބުނެ އެވެ.
ހެއްލާފީއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ފީފާ ތެރެއިން ޓީވީ ރައިޓްސްގެ ޑީލްތަކެއް ހޯދުމަށް ހެއްލާފީ އެންމެ ފުރަތަމަ މަސައްކަތް ފެށީ 2003 ވަނަ އަހަރު އެެވެ. އެ އަހަރު ހެއްލާފީ ވަނީ ވަލްކޭ އަށް އިޓަލީގެ ސާޑިނިއާ އިން 5.85 މިލިއަން ޑޮލަރުގެ އަގުހުރި ލަގްޒަރީ ވިލާއެއް ހޯދަން އެހީތެރިވެދީފަ އެވެ. ވަލްކޭ އެ ލަގްޒަރީ ވިލާ ގަންނަން ފަންޑު ދިނީ ހެއްލާފީ އެވެ. ހެއްލާފީ އެކަން ކުރީ އޭނާގެ ބޭބެގެ އެކައުންޓުންނެވެ. އޭގެ ފަހުން ހެއްލާފީ އާއި ވަލްކޭގެ ގުޅުން ގާތްވެ އެ ދެ މީހުން ވަނީ 2014 ވަނަ އަހަރު ޓީވީ ރައިޓްސްގެ އެގްރީމެންޓެއް ހަދައިފަ އެވެ. އޭގެ ތެރެއިން އެކި މުބާރާތްތަކުގެ ޓީވީ ރައިޓްސް ޑީލްތައް ހެއްލާފީގެ ބީން ސްޕޯޓްސް އަށް ވަނީ ދީފަ އެވެ. އެންމެ ބޮޑަށް ފާހަގަވި ކަމަކީ 2026 އާއި 2030 ގެ ވޯލްޑް ކަޕްތަކުގެ ޓީވީ ރައިޓްސް ޑީލް ބީން ސްޕޯޓްސް އަށް ދޭން ނިންމާފައިވާ މައްސަލަ އެވެ.
ދިފާއުގައި ބައިން ސްޕޯޓްސްގެ ވަކީލުން ކޯޓުގައި ބުނީ 2026 އާއި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް ޑީލް ބީން ސްޕޯޓްސް އިން ނެގީ 480 މިލިއަން ޑޮލަރު ދީފައި ކަމަށާއި އެއީ 2018 އާއި 2022ގެ ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް ޑީލަށް ވުރެން 60 ޕަސެންޓް އިތުރު އަދަދެއް ކަމަށާއި އެ ޑީލް އެ ގޮތަށް އޮތުމުން ފައިދާވާނީ ފީފާ އަށް ކަމަށެވެ. ޖަވާބުގައި ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ބުނީ 2026 އާއި 2030 ގެ ވޯލްޑް ކަޕަށް އެތައް ދުވަހެއް އޮއްވައި އަވަސް އަރުވާލައިގެން ވަކި ބަޔަކަށް ޑީލްތަކެއް ކުރިން ދީފައި އޮތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ބީން ސްޕޯޓްސް އިން ދެއްކި އަގުގެ ޕޭމަންޓްތައް އަދާކުރަން އެއްބަސްވެފައި އޮތީ ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
ހެއްލާފީގެ ވަކީލުން އޭއެޕްޕީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާއާ ދެކޮޅަށް ކުރާ ދައުވާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ކަންކަން ކޮށްފައިވަނީ އުސޫލުގެ ތެެރެއިންކަން ސާބިތުކޮށްދެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.
ސްވިޓްޒަލެންޑްގެ ޕްރޮސެކިއުޓަރުން ބެލި ހެއްލާފީގެ ކޮރަޕްޝަންގެ އެހެން މައްސަލައެއް މި އަހަރު ޖެނުއަރީގައި ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ ފަހަރު އެ ގޮތަށް ނިންމީ ކޯޓުން ބޭރުގައި ސްވިޓްޒަލެންޑްގެ ޕްރޮސެކިއުޓަރުންނާއި ހެއްލާފީގެ ވަކީލުން ބަައްދަލުކޮށްގެންނެވެ.
ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް މިދިޔަ އަހަރު ގަތަރުގެ ދޯހާގައި ބޭއްވުމަށް ހެއްލާފީގެ ހިއްސާ އޮންނަ ކުންފުންޏަކުން އުސޫލުން ބޭރުން ހަރަދުކޮށްފައިވާ މައްސަލައެއްގައި އޭނާއާ ފްރާންސްގެ ދެ އިސް ފަޑިޔާރުން ސުވާލުކުރި އެވެ. ހެއްލާފީއާ ސުވާލުކުރީ އޭނާގެ ހިއްސާ އޮންނަ އޮރީކްސް ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ގޮތް ނޭނގޭ ގޮތަކަށް ހަރަދުކޮށްފައިވާ 3.5 މިލިއަން ޑޮލަރުގެ ދެ ޕޭމަންޓެއްގެ މައްސަލައިގަ އެވެ. އޮރީޒް ގަަތަރު ސްޕޯޓްސް އިންވެސްޓްމަންޓަކީ ހެއްލާފީއާ އޭނާގެ ބޭބެ ހާލިދުގެ ކުންފުންޏެކެވެ.
އެ 3.5 މިލިއަން ޑޮލަރު ލިބިފައިވަނީ ޕާޕާ މަސައްޓާ ޑިއާކް ހިންގަމުން އަންނަ ސްޕޯޓްސް ފާމަކަށެވެ. ޕާޕާ މަސައްޓާ އަކީ އެތުލެޓިކްސްގެ ދުނިޔޭގެ ޖަމިއްޔާގެ ކުރީގެ ރައީސްގެ އިތުރުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ވެސް މެމްބަރުކަން ކުރެއްވި ލެމީން ޑިއާކްގެ ދަރިއެކެވެ. އެ ޕޭމަންޓަކީ ކޮން ކަމެއްގައި ދީފައިވާ ފައިސާއެއް ކަމެއް ރަސްމީ ލިއެކިއުމެއްގައި ބަޔާންކޮށްފައި ނެތެވެ. އެ މައްސަލައިގެ ތަހުގީގުތައް މި ވަގުތަށް އޮތީ މަޑުޖެހިފަ އެވެ.