ދޮޅު އަހަރުގެ ކުޑަކުއްޖެއްގެ ނޭވާ ހޮޅީގައި ކެޝޫނަޓެއް ތާށިވެ ނުރައްކާ ވެއްޖެ އެވެ.
ނޭވާލާނިޒާމުގެ ބަލިތަކާ ބެހޭ އައިޖީއެމްއެޗުގެ ހާއްސަ ޑޮކްޓަރު، މުހައްމަދު އިސްމާއީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭވާހޮޅީގައި ތާށިވި އެ ބަދަންކޮޅު ނެގޭގޮތްވީ ދެ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ކަމަށެވެ. ކުޑަކުއްޖާގެ ހާލު މިހާރު ރަނގަޅު ނަމަވެސް، އެ ހާލަތު ޑޮކްޓަރު ސިފަ ކުރެއްވީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގަ އެވެ.
މި ފަދަ ގިނަ އޮޕަރޭޝަންތައް ކުރައްވާފައިވާ މުހައްމަދު އިސްމާއީލް ވިދާޅުވީ ބަދަންކޮޅު ނެގުމަށް ކުރި އޮޕަރޭޝަނުގެ ތެރެއިން، ބައެއް ވަގުތުގައި ޑޮކްޓަރުން ވެސް ނޭވާ ހިފަހައްޓާލަން ޖެހިވަޑައިގެންނެވި އެވެ. އެއީ ކެޝޫނަޓް އެއް ފަރާތަކަށް ވެއްޓި، މައި ދެހޮޅި ބްލޮކް ކޮށްލަން ޖެހުމުންނެވެ.
މިއީ ފުރާނަ އަށް ގެއްލުންވާ ފަދަ ނުރައްކާތެރި ހާލަތެކެވެ.
"މި ފަދަ ކަންކަމާ ބެލެނިވެރިން އިންތިހާއަށް ސަމާލުކަން ދިނުމަކީ އަޅުގަނޑުމެންގެ އާދޭހެއް،" ޑޮކްޓަރުގެ ޓްވީޓްގައި ވިދާޅުވި އެވެ.
ރާއްޖޭގައި ދޭތެރެ ދޭތެރެއިން ކުޑަކުދިން މި ފަދަ ކުދިކުދި އެއްޗެހި ދިރުވާލައިގެން ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހިފައި ވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް، 11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން، ބުރުގާގައި ޖަހާ ޕިނެއް ނަގާފައި ވެ އެވެ.
މިދިޔަ އަހަރާ ހަމައަށް، ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި މި ފަދަ 35 ހާދިސާއެއް ހިނގައިގެން އައިޖީއެމްއެޗުން ފަރުވާ ދީފައި ވެ އެވެ.