ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެވަނަ ފަހަރަށް އެ މަގާމުގެ ހުވާ ކުރެއްވުމުން އޭނާ އަށް އަލުން ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި މައުސޫމަށް ރުހުން ދޭން ކޮމިޓީން މިދިޔަ ހަފުތާގައި ފާސްކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވިޔަސް، އޭނާ އޭރު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވީ، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ކަމަށް ވާތީ، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރަން މަޖިލީހުން ލަފާ ދިނެވެ. އެއީ ވަޒީރުން އެއްވެސް ވިޔަފާރިއެއް ހިންގުމުގައި ބައިވެރިވުމަކީ ގާނޫނުއަސާސީ މަނާކުރާ ކަމަކަށް ވާތީ އެވެ.
ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އެންމެ ފަހުން ފުރުއްވި މައުސޫމަށް އަލުން ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތުު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އިއްޔެ ނިންމީ މިދިޔަ އާދިއްތަ ދުވަހު އޭނާ އަލުން އެ މަގާމުގެ ހުވާ ކުރެއްވުމުންނެވެ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ނިމެންދެން މަޖިލީހުގެ ޗުއްޓީ ވެސް އަންނަ ހަފުތާއާ ހަމައަށް ވަނީ ފަސްކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު އެ މަގާމުން މިދިޔަ ޖުލައި މަހު ވަކި ކުރެއްވުމުންނެެވެ. އަލީ ވަހީދު ވަކި ކުރެއްވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގަ އެވެ.