އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން ބައެއް މެމްބަރުންގެ ސޮއި ހޯދަން ފަށައިފި އެވެ.
އެ ލިސްޓުގައި އެންމެ ފުރަތަމަ ވެސް ސޮއިކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، އެ ލިޔުން ފެނިވަޑައިގެންނެވި މެމްބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއި ކަމަށް ވާއިރު، މިހާތަނަށް 18 އަށް ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށް އެނގިފައި ވެ އެވެ. ސޮއި ހޯދުމުގައި އިސްކޮށް އުޅުއްވަނީ ފައްޔާޒު ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރައްވަނީ އެ ޕާޓީން ވެރިކަމަށް އަންނަން ވި ވައުދު ފުއްދައިދިނުމުގައި އޭނާ އަށް މަސައްކަތް ނުކުރެއްވޭ ކަމަށް ބުނެ ކަމަށް ލިޔުން ފެނިވަޑައިގެންނެވި އެހެން މެމްބަރަކު ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ. އެ ލިޔުމުގައި ސޮއިކުރެއްވި ބޭފުޅުން ވެސް ތަފުސީލަކަށް ވަޑައެއް ނުގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރެވެ. އެހެންވެ، އެ ޕާޓީގެ މެމްބަރުން ބޭނުންވެގެން ނޫން ގޮތަކަށް މިހާރު މަޖިލީހުން އެއްވެސް ކަމެއް ފާހެއް ނުވާނެ އެވެ.