ކޯލިޝަން ސަރުކާރެއްގައި ކުދި ޕާޓީތަކަށް ފުރުސަތު ގެއްލޭ އިސްލާހެއް އެމްޑީޕީގެ އަސާސީގަވައިދަށް ގެންނަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވުމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ފާޑު ކިޔައިފި އެވެ.
ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވައިދަށް ގެންނަ ބަދަލަކުން އެހެން ޕާޓީތަކާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެވަރު އެނގިވަޑައިނުގަންނަވާ ބޭފުޅުން ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ބޮންޑޭއަށް ފާޑު ވިދާޅުވެފަ އެވެ.
"އެފަދަ އިސްލާހެއް ގެނެސްފި ނަމަ ނަތީޖާއަކަށް ވާނީ ކުރިއަށް އޮތްތާގައި އެ ޕާޓީއަކާ އެކު އިސްލާހުގައި ބުނާ ޝަރުތު ހަމަނުވާ ޕާޓީތަކަށް ކޯލިޝަން ނުހެދުން،" ސައުދު ޓްވީޓް ކުރައްވާފައިވާ ނޯޓްގައިވެ އެވެ.
އެމްޑީޕީގެ މެމްބަރު ބޮންޑޭގެ އިސްލާހުގައި ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ވެރިކަމުގައި އެކުލަވައިލާ ކޯލިޝަން ސަރުކާރެއްގެ ވަޒީރަކު، ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި އެ ނޫން ތުހުމަތެއްގައި ވެސް މަގާމުން ވަކިކޮށްފި ނަމަ އެ ސްލޮޓް އެ ޕާޓީއަކަށް ގެއްލޭނެ ކަމަށެވެ.
އެ އިސްލާހުގައިވާ ގޮތުން ނަމަ، އެ ހާލަތުގައި ކެބިނެޓުން ހުސްވާ މަގާމަށް އައްޔަން ކުރަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މަދުވެގެން 50،000 މެމްބަރުން ހަމަވާ ޕާޓީއެއްގެ މެމްބަރެކެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރު ތިބި ހަތަރު ޕާޓީގެ ތެރެއިން އެހާ ވަރަށް މެމްބަރުންގެ އަދަދު ހަމަވަނީ އެމްޑީޕީގެ އެކަންޏެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމަށް ބަލާއިރު އެންމެ ގިނަވެގެން 10،000 މެމްބަރުން ހަމަވަނީ ވެސް ޖުމްހޫރީ ޕާޓީގަ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދަށް ބޮންޑޭގެ އިސްލާހު ގެނެސްފި ނަމަ މި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުގެ ސްލޮޓުގައި ވަޒީރުކަމަށް ގެނެސްފައިވާ ބޭފުޅެއްގެ މަގާމު ހުސްވެއްޖެ ނަމަ އެ ސްލޮޓު ފުރުމުގެ ފުރުސަތު ލިބޭނީ އެމްޑީޕީ އަށް އެކަންޏެވެ.
އެމްޑީޕީގެ އިސް ބޭފުޅުން ދޭތެރެ ދޭތެރެއިން އަންނަނީ ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކަށް ފާޑު ވިދާޅުވަމުންނެވެ. މިސަރުކާރަށް އެންމެ އެ ދެވޭ ނަތީޖާ ނުނެރެވެނީ ކޯލިޝަންގެ ސަބަބުން ކަމަށް ވެސް އެބޭފުޅުން ވިދާޅުވެ އެވެ.