ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން ދެންމެ މުޒާހަރާ އަށް ނުކުމެ ހަމަނުޖެހުން ހިންގަން ފަށައިފި އެވެ.
މަންޒަރު ދުށް މީހަކު ބުނިގޮތުގައި، އެ މީހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހުންނާ ދިމާއަށް ވެސް ވަނީ ގަލާއި ލަޓިބުރި އުކައި ހަމަލަދީފަ އެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހެއްގެ ބޯ ވެސް ފަޅާލާފައިވާ ކަމަށް ވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހަމަނުޖެހުމުގައި ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދީފައިވާ ކަމަށެވެ.
މަސައްކަތް ފެށި ފަހުން ނުނިމި އަށް އަހަރު ވެފައިވާ ސިފައިން/ފުލުހުންގެ ފްލެޓުގެ މަސައްކަތު މީހުންނަށް ހަތް މަސް ދުވަހުގެ މުސާރަ ނުދީގެން މީގެ ކުރިން ވެސް މުޒާހަރާ ކޮށްފައި ވެ އެވެ. އެ ފަހަރު އެ މީހުން މައިތިރިވީ، މުސާރަ ދިނުމާ ގުޅޭ ކަންކަމުގައި މި މަހުގެ 10 ގައި ގޮތެއް ނިންމާނެ ކަމަށް އެއްބަސްވުމުންނެވެ. އެހެންވެ، އެ ތާރީޚު އައުމުގެ ކުރިން ކޮންމެވެސް ވަރަކަށް މުސާރައިގެ ބައެއް ދިނަސް އެއްކޮށް މުސާރައެއް ނުދެ އެވެ.
"އަނެއްހެން އެލަވަންސެއް ދިނީ. ފުލް މުސާރައެއް އެއްވެސް މީހަކަށް ނުދޭ،" މުސާރައިގެ މައްސަލައިގެ ހަގީގަތް އެނގޭ މީހަކު ބުންޏެވެ.
އައިލެންޑް އެކްސްޕާޓުގެ 200 އަށް ވުރެ ގިނަ މީހުންނަށް މުސާރަ ނުދީ ހުރި ކަމަށް ވެ އެވެ.
އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވެފައި ވަނީ މުވައްޒަފުންނަށް މުސާރަ ނުދެވިގެން އުފެދުނު ނުތަނަވަސްކަމުގެ މައްސަލަ ހައްލު ވެފައިވާ ކަަމަށެވެ. އެގޮތުން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، އޭނާގެ ވާހަކަތައް ބައެއް މުވައްޒަފުން ދޮގުކުރެ އެވެ. ސަބަބަކީ ފުލް މުސާރަ ނުދޭތީ އެވެ.
މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި އައިލެންޑް އެކްސްޕާޓުން ނިންމާފައި ވަނީ ސައިޓުގައި ހުރި އެ ކުންފުނީގެ މުދާތައް ވިއްކައިލުމަށެވެ.