ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އަޚުލާގީ މައްސަލަތަކެއްގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ލިބުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭނާ އަށް އަންގަވައިފަ އެވެ. އެނގިފައިވާ ގޮތުގައި އެގޮތަށް ރައީސް އެންގެވީ އޭނާ އަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުުހުމަތު ކުރެވޭ މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލަ ރައީސް އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީ އަށް ވެސް އެ މުވައްޒަފުން ވަނީ ހުށަހަޅައިފަ އެވެ. ޖެންޑާ މިނިސްޓްރީން މިހާތަނަށް ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.