އާންމުންގެ ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ޒާތުގެ ވާހަކަތައް ތަކުރާރުކޮށް ޓްވީޓްކުރާ ކަމަށް ބުނެ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހަފުތާއެއްހާ ދުވަހަށް ޓްވިޓާ އިން ބޭރުކޮށްލި އިނގިރޭސި އަންހެނަކު އެންމެފަހުން އުމުރު ދުވަހަށް އެ ޕްލެޓްފޯމުން ބޭރުކޮށްލައިފި އެވެ.
ޓްވިޓާ އިން ބުނި ގޮތުގައި މިލިއަނެއްހާ ފޮލޯވަރުން ގެންގުޅުނު ކެޓީ ހޮޕްކިންސް ޓްވިޓާ އިން އެއްކޮށް ބޭރުކޮށްލަން ޖެހުނީ ތަކުރާރުކޮށް އޭގެ އުސޫލުތަކާ ހިލާފުވަމުންދާތީ އެވެ. ނަމަވެސް އޭނާއަށް އުމުރު ދުވަހަށް ޓްވިޓާ ބޭނުން ނުކުރެވޭ ގޮތަށް ނިންމީ ސީދާ ކޮންކޮން ޓްވީޓްތަކަކާ ގުޅިގެން ކަމެއް ނުބުނެ އެވެ.
އެކަމަކު ކެޓީ އަކީ ވަރަށް ގިނަ ފަހަރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާފައިވާ "ނަފުރަތު" ގެ ޓްވީޓްތައް ރިޓްވީޓްކޮށްފައިވާ މީހެކެވެ.
ދާދި ފަހުން ޓްވިޓާ އިން ވަނީ އެމެރިކާގެ ރައީސް، މިންގަނޑަށް ނުފެތޭ ވާހަކަތައް ޓްވީޓްކުރައްވާތީ އެކަމާ ދެކޮޅަށް ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. މިކަމާ ހިތްޕުޅާނުވެގެން ސޯޝަލް މީޑިއާ އަށް ފިޔަވަޅު އަޅަން ރިއާސީ ގަރާރެއް ވެސް އޭނާ ނެރުއްވާފައިވެ އެވެ.
"އަހަރެމެންގެ ޕޮލިސީ އަކީ ޓްވިޓާ އަކީ ސޭފް ތަނަކަށްވުން. އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ވެސް އެއީ. ފުރައްސާރަކުރުމާއި ނަފުރަތާއި ރުޅިވެރިކަން ފަދަ ކަންކަމަށް ދެވޭ ހިތްވަރު ބަލާކަށް ޓްވިޓާ ނޯންނާނެ،" ޖެކް ޑޯޒީގެ ޓްވިޓާ އިން ބުންޏެވެ. "މިކަހަލަ މައްސަލަތަކުގައި އަބަދު ވެސް އަހަރެމެން ފިޔަވަޅު އަޅަމުން ގެންދާނަން."
ކެޓީ އަށް ޓްވިޓާ އިން އެޅި ފިޔަވަޅާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް އެ ޕްލެޓްފޯމަށް އަމާޒުވެފައިވެ އެވެ. އެގޮތުން އެ ނިންމުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވެ އެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ ކެޓީ، 45، އަކީ މީޑިއާގެ މަޝްހޫރު ޝަހުސިއްޔަތެކެވެ. ކަނާތުފިޔައިގެ ފިކުރުތަކަށް ތާއީދުކުރާ ކެޓީ އަކީ ކޮލަމިސްޓެއް އަދި ސޯޝަލް ކްރިޓިކެއް ވެސް މެ އެވެ.