ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވަން ޖެހޭ ހުއްދަ، ނުލިބިގެން ރަށްތަކެއްގައި ލެބޯރެޓަރީ ގާއިމް ނުކުރެވިވާތާ ދޮޅު އަހަރު ވެފައިވާ ކަމަށް ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ.
"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލު 2020" އަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ، ލެބޯރެޓަރީތަކަށް ބޭނުންވާ ހަ މެޝިނެއް، ކޮންމެވެސް ފަރާތަކުން ހަދިޔާ ކޮށްފައި ވާތާ ދޮޅުމަސް ވެއްޖެ ކަމަށެވެ. އެކި ރަށްރަށުގައި އެ ހިދުމަތް ފެށިފައި ނުވަނީ މިނިސްޓަރު އަމީން ދެއްވަން ޖެހޭ ހުއްދަ ނުލިބިގެން ކަމަށް މީގެ ކުރިން ވެސް އަމީނަށް ފާޑުވިދާޅުވެފައިވާ އަފީފް ވިދާޅުވި އެވެ.
"މިއީ ބަޔަކު ހިލޭ ދީފައި ހުރި އެއްޗެއް،" މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމުގައި ހުންނެވި އަމީނަށް ފާޑު ވިދާޅުވަމުން އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ "މިނިސްޓަރުގެ ކަންތައް ހުރި ގޮތް" މަޖިލީހުން ބަލަން ޖެހޭ ކަމަށެވެ. އަދި ސިއްހީ ނިޒާމުގެ ރަނގަޅު އޮޑިޓެއް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ގިނައިން މިނިސްޓަރަށް ފާޑުކިޔަން. ފާޑު މި ކިޔަން ޖެހެނީ މި ދެންނެވި ގޮތްގޮތަށް މިނިސްޓަރު ކަންތައް ކުރައްވާތީ،" އަފީފް ވިދާޅުވި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ އަށް ހޯދަން އުޅޭ 75 ވެންޓިލޭޓަރު ނުލިބިބޭތީ އެކަމަށް ވެސް އަފީފް ވަނީ ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިނިސްޓަރު އަމީން އިތުބާރު ކުރައްވާ ބަޔަކާ މެޝިންތަކެއް ގެންނަން ހަވާލުކޮށްފައި ވެއްޖެ އެވެ. އެކަމަކު އެ މެޝިންތައް އަދި ވެސް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާ ގޮތުގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލު ކޮށްފައިވާ ވެންޓިލޭޓަރު ނުލިބިގެން އުޅެނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބާވަތުގެ ވެންޓިލޭޓަރު ހޯދަން އުނދަގޫވުމުން ކަމަށެވެ.
ދުބާއީގެ ކުންފުންޏާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ.
ރައްޔިތުންގެ މަޖިލީހުގައި ތަފާތު އެކި ފަހަރު މަތިން މިނިސްޓަރު އަމީނަށް، އަފީފް ފާޑުވިދާޅުވަމުން ގެންދެވިޔަސް އަމީން މިހާތަނަށް އެއްވެސް ވާހަކައަކަށް ރައްދެއް ނުދެއްވަ އެވެ.