ނެޓްފްލިކްސްގެ އާ އޮރިޖިނަލް "ބެޓާލް" ބަލާވަރުވޭ ހެއްޔެވެ؟ ވާހަކަ ފީކަޅާވުމުން، އިންޑިއާގައި ހަދާ ގިނަ ބިރުވެރި ފިލްމާއި ޑްރާމާތައް ވަނީ ނާކާމިޔާބެވެ. ފަހުގެ ބިރުވެރި ފިލްމުތަކުގެ ތެރެއިން، ދެ އަހަރު ކުރިން ނިކުތް، "ތުމްބާޑް" އާ ވާދަކޮށްލެވޭ ވަރުގެ ބިރުވެރި ފިލްމެއް އަދި ޑްރާމާއެއް ވެސް މިހާތަނަށް ނުއުފެއްދެ އެވެ. "ބެޓާލް" ވެސް އެއާ ގާތް ނުކުރެ އެވެ. އެކަމަކު މި ޑްރާމާ ނުބަލާ ދޫކޮށްލާހާ ވެސް ހަޑިއެއް ނޫނެވެ. އަދި އެންމެ ހަތަރު އެޕިސޯޑް ވީމަ، މި ބަލަން މާ ގިނަ ވަގުތު ހޭދަކުރާކަށް ވެސް ނުޖެހޭނެ އެވެ.

މި ރިވިއު ކުރަނީ އިންޑިއާގެ ވެބް ސީރީޒްތަކުގެ ތެރެއިން މިދުވަސްވަރު އެންމެ ގިނަ މީހުން ބަލާ އެމަޒަން ޕްރައިމް ވީޑިއޯގެ "ޕާޓަލް ލޮކް" އާއި އެހާ ކަމުނުދާ، އެކަމަކު ވެސް ބަލައިލަން "އޯކޭ" ދެ ސީރީޒެއް ކަމަށްވާ ނެޓްފްލިކްސްގެ "ޝީ" އަދި "ބެޓާލް" އެވެ.

🚨 ސްޕޮއިލާ އެލާޓް 🚨

ބެޓާލް

މި ހޮރޯ ޒޮމްބީ (އާދައިގެ ޒޮމްބީތަކެއް ނޫން) ޑްރާމާ ޑައިރެކްޓްކުރީ ނެޓްފްލިކްސްގެ ކުރީގެ ބިރުވެރި އޮރިޖިނަލް "ގޫލް" ވެސް ގެނެސްދިން ޕެޓްރިކް ގްރަހަމް އެވެ. އޭނާއާ އެކު ކޯ-ޑައިރެކްޓުކުރީ ނިކިލް މަހާޖަން އެވެ. އަދި ބޮލީވުޑްގެ ބާދުޝާހު، ޝާހްރުކް ޚާންގެ ރެޑް ޗިލީ ޕްރޮޑަކްޝަން ވެސް ބައިވެރިވެގެން ޕްރޮޑިއުސްކުރި މި ސީރީޒް، ހަމަ އެ ޕްރޮޑަކްޝަނުން ގެނެސްދިން ފުރަތަމަ ނެޓްފްލިކްސްގެ އޮރިޖިނަލް "ބާޑް އޮފް ބްލަޑް" ގޮތަށް އަނެއްކާ ވެސް އަހަރެމެން މާ ބޮޑަށް މާޔޫސްކޮށްލައިފި އެވެ. ފުރަތަމަ ދެ އެޕިސޯޑާ އެކު ވަރަށް ސަޅިވާނެ ކަމަށް ހީކުރެވުނު ނަމަވެސް، ތިން ވަނަ އެޕިސޯޑަށް ދިޔައިރު މުޅިން ފޫހިވެއްޖެ އެވެ.

އިންޑިއާގެ ފޯކްލޯރު "ބެޓާލް" އަށް ބިނާކޮށްގެން ގެނެސްދިން މި ސީރީޒްގައި މައްސަލަގަނޑު ފެށެނީ ރިމޯޓް ވިލެޖެއްގައި ޒަމާންތަކެއް ވަންދެން ބަންދުކޮށްފައި ހުރި ޓަނަލެއް ހުޅުވުމުންނެވެ. މި ޓަނަލް ހުޅުވުމަށް އެ ވިލެޖުގެ މީހުން ދެކޮޅު ހެދި ނަމަވެސް، ސިޔާސީ ނުފޫޒެއްގެ ދަށުން ބާރުގެ ބޭނުންކޮށްގެން ސިފައިން ލައްވާ އެ ޓަނަލް ހުޅުވަ އެވެ. ހުޅުވަން ދެކޮޅު ހެދީ، އިނގިރޭސިންގެ އަތްދަށުގައި އިންޑިއާ އޮތް ދުވަސްވަރު އެ ގައުމުގައި ތިބި އިނގިރޭސި ސިފައިންގެ ބަޔަކު، އާދަޔާ ހިލާފު ނުބައި ރޫހެއްގެ ދަށުވެ، އެ ޓަނަލުގެ ތެރޭގައި ގައިދުވެފައި ކަމަށް ބުނާތީ، އެ ޓަނަލް ހުޅުވައިފި ނަމަ، އިންސާނުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ހީވެގެންނެވެ.

މިއީ މި ޖޯންރާ އަށް ސަޅި ވާހަކައެކެވެ. އަދި މީގެ ކާސްޓު ވެސް ވަރަށް ވަރުގަދަ އެވެ. ސިރޯހީ (ވިނީތު ކުމާރް ސިންހު) އާއި އަހްލޫ (އަހާނާ ކުމާރް) އަދި ޕުނިޔާ (މަންޖީރީ ޕުޕާލާ) އަކީ އެންމެ ފާހަގަކޮށްލެވުނު އެކްޓަރުންނެވެ. އެކަމަކު ތިން ވަނަ އެޕިސޯޑާ ހިސާބުން ރަނގަޅަށް ސަސްޕެންސް ހިފަހައްޓާ ނުލެވުމާއި އެޑިޓިންގައި ހުރި ވަރަށް ބޮޑަށް ފާހަގަވާ، ގިނަ މައްސަލަތަކުގެ ސަބަބުން ބަލާ ހިތް ކެނޑޭ ގޮތްވި އެވެ. ސީރީޒް ނިމޭ ގޮތުން ހީވަނީ އަދި އިތުރު ސީޒަނެއް އަންނާނެހެންނެވެ. އެކަމަކު ލިބިފައިވާ ކަމުނުދާ ގިނަ ރިވިއުތަކުގެ ސަބަބުން އާ ސީޒަނެއް އައުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ އެވެ.

ޝީ

ލޯބީގެ ފިލްމާއި ޑްރާމާ ހެދުމުގައި އަރާހުރި ބޮލީވުޑްގެ ޑައިރެކްޓަރު އިމްތިޔާޒް އަލީ އޭނާގެ އަސަރުގަދަ ވާހަކަތައް ދޫކޮށްލާ، ރަހަ މުޅީން ބަދަލުކޮށްލީ މި ކްރައިމް ޑްރާމާ އިންނެވެ. އާދައިގެ އަންހެން ޕޮލިސް ކޮންސްޓެބަލްއެއް ކަމަށްވާ ބޫމީ (އަދިތީ ޕޮހާންކަރު) އަށް، ބޮޑު ކޭސްއެއްގައި އަންޑަކަވާ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ލިބެ އެވެ. ޑްރަގު ލޯޑެއް ހައްޔަރު ކުރުމަށް ހިންގާ މި އަންޑަކަވާ އޮޕަރޭޝަންގައި އޭނާ އަށް ޖެހުނީ ހަށިވިއްކާ އަންހެނެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.

އަލީ އާރިފް އާއި އަވީނާޝް ދާސް ޑައިރެކްޓުކުރި މި ސީރީޒްގެ ހަތް އެޕިސޯޑުގައި 30-40 މިނެޓްގެ ދިގުމިން ހުރެ އެވެ.

އެޕިސޯޑުތައް ކުރިއަށް ދާވަރަކަށް މި އަންޑަކަވާ އޮޕަރޭޝަންގެ އިތުރުން ބުމީގެ އަމިއްލަ ދިރިއުޅުމުގައި ހުރި ބައެއް މައްސަލައް ވެސް ދައްކަ އެވެ؛ އޭނާގެ މަންމަ އާއި ކޮއްކޮގެ މައްސަލަތަކާއި ފިރިމީހާ ކުރާ އުނދަގޫތަކެވެ. އަދި އާއިލާގެ މައްސަލަތައް ބަލަހައްޓަމުން، އަންހެން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަންވީމަ ދިމާވާ އުނދަގޫތަކާއި މަސައްކަތުގެ މާހައުލުން އަންހެނަކަށް ވީތީ އޭނާ އަށް ކުރިމަތިވާ ފުރައްސާރަތައް ވެސް ދައްކަ އެވެ. އަދި މި ހުރިހާ ކަމެއް ދައްކަނީ އޭނާގެ މި އަންޑަކަވާ އޮޕަރޭޝަންގައި ދިމާވާ ކަންކަމާ ވެސް ގުޅުވައިގެންނެވެ.

މީގެ ވާހަކަ ވަރަށް "އާންމު" ޕްލޮޓެއް ކަމަށް ހީވި ނަމަވެސް، ބޮޑަށް ބަލާހިތްވީ އަދިތީ އޭނާގެ ރޯލު ދައްކައިދިން މޮޅުކަމުންނެވެ. އޭނާގެ ކެރެކްޓާ ދައްކާ ދީފައި ވަނީ ވަރަށް "ވަސަޓައިލް"ކޮށެވެ.

ޕާޓަލް ލޮކް

މިހާތަނަށް ނިކުތް އިންޑިއާގެ ވެބް ސީރީޒްތަކުގެ ތެރެއިން އެންމެ ފުރިހަމަ މަސައްކަތެވެ. -- މާސްޓަޕީސްއެއްގެ ލަގަބު ވެސް ބައެއް ކްރިޓިކުން ވަނީ ދީފަ އެވެ. -- އެހެން ގޮތަކަށް ބުނާ ނަމަ، މިއީ ނެޓްފްލިކްސްގެ ވަރުގަދަ "ސެކްރެޑް ގޭމްސް" އާ ވާދަކޮށްލެވޭ ފެންވަރުގެ ފުރަތަމަ ސީރީޒެވެ. ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ކުލީން ސްލޭޓް ފިލްމްސް" އިން ގެނެސްދިން މި ސީރީޒްގައި ފުރަތަމަ ސީޒަންގައި 40 މިނެޓުގެ ނުވަ އެޕިސޯޑު ހިމެނެ އެވެ. އަދި އާ ސީޒަނެއްގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އަވީޝާން އަރުން އާއި ޕްރޮސިތު ރޯއީ ޑައިރެކްޓުކުރި މި ސީރީޒްގައި ދައްކަނީ އިންޑިއާގެ އާދައިގެ ފުލުސް އޮފިސަރަކު، ހާތީ ރާމް ޗޯދަރީ (ޖައިދީޕް އަހުލާވަތު) ހަވާލުވާ ބޮޑު އޮޕަރޭޝަނެކެވެ. މަޝްހޫރު ނޫސްވެރިއާ، ސަންޖީވް މެހެރާ (އަމިތު ރާޖް) މަރާލުމުގެ މަސައްކަތަކާ ހަވާލުވާ ހަތަރު މީހެއްގެ ކުރީގެ ވާހަކަތަކާއި، ސިޔާސީ ކަންތައްތަކެއް ފަހަތުގައި އޮވެގެން ހިންގާ ބޮޑު އެޖެންޑާއެކެވެ. އަދި އިންސާނުން ދުނިޔެ މަތީގައި ބެހިފައިވާ ތިން ގިންތި އާއި އޭގެ ގުޅުންތައް ހިނގާ ގޮތް ކިޔައިދެ އެވެ. އަދި ނަސްލީ، ދީނީ ގޮތުން ކުރާ ތަފާތު ކުރުންތައް ވެސް ދައްކާ މި ސީރީޒްގެ ނިމުން ގެނެސްދީފައި ވަނީ ހީވެސް ނުކުރާ ގޮތަކަށެވެ.

އެންމެ ސަޅީގެ މީގެ ތިން ވަނަ އެޕިސޯޑް "އަ ހިސްޓްރީ އޮފް ވަޔޮލެންސް" އެވެ. އެމީހަކަށް މި ވާހަކަ އެންމެ ބޮޑަށް ބަރޯސާވާ، ހައްޔަރު ކުރި ހަތަރު ކުށްވެރިންގެ ތެރެއިން ސީރިއަލް ކިލާ ހަތޯޑާ ތިޔާގީ (އަބީޝޭކް ބެނާރްޖީ) އާއި ޓޯޕް ސިންގް (ޖަގްޖީތު ސަންދޫ) ގެ ކުރީގެ ދިރިއުޅުން ދައްކަނީ މި އެޕިސޯޑުގަ އެވެ. މި އެޕިސޯޑުގެ ފެށުމުން ވެސް މީހާ ހީބިހި ނަގުވާލާނެ އެވެ. ފުރަތަމަ ދެ އެޕިސޯޑްގައި ދައްކާ މަންޒަރުތަކުން މި އެޕިސޯޑަކީ އެންމެ އިންތިޒާރު ކުރެވުނު އެޕިސޯޑަށް ވެސް ވި އެވެ.