ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމައި އެ ތަން އައިޖީއެމްއެޗާ މިއަދު ހަވާލުކޮށްފި އެވެ.
ސިފައިންނާއި ސަރުކާރު އަދި އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވެގެން ހެދި 300 އެނދުގެ ވަގުތީ ހޮސްޕިޓަލް، އައިޖީއެމްއެޗާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް އޮތް ބޮޑު ބިމުގައި ތަރައްގީކުރި އެ ހޮސްޕިޓަލް ނިންމަން އެންމެ ފުރަތަމަ ކަނޑައެޅީ މިދިޔަ މަހުގެ 20 ގަ އެވެ. އެކަމަކު އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން މަސައްކަތް ލަސްވީ އެވެ.
ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްއެންޑީއެފާއި ފެނަކަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަން ހިމެނެ އެވެ.
ވަގުތީ ހޮސްޕިޓަލްގައި ބައިތިއްބަނީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނެވެ. ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީ ބޭނުންވާ މީހުން ގެންދާނީ ކުރިމަތީގައި ހުރި ޓްރީ ޓޮޕް ހޮސްޕިޓަލެވެ. އެ ތަނުގައި 200 ވެންޓިލޭޓަރު ބަހައްޓަން ވަނީ ނިންމައިފަ އެވެ.
އެ ތަން އައިޖީއެމްއެޗާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލާއި ސަރުކާރު އަދި ކުންފުނިތަކުގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.