މިދިޔަ ބުރާސްފަތި ދުވަހު އައްޑު އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، 161 ގެ އަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުނެފި އެވެ.
ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް އިބްރާހީމް ރަޝީދު އެމްޑީއެފްގެ ޔޫޓިއުބް ޗެނެލްގައި ވިދާޅުވީ، ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއްވީ ފޭދު އަށް ކަމަށެވެ. އެގޮތުން ފޭދޫގެ 97 ގެއަކަށް ފެން ވަދެ ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމާންޑަރު ވިދާޅުވި ގޮތުގައި، އައްޑޫން އެންމެ ބޮޑެތި ގެއްލުންތައް ލިބުނީ ގުޅިފައިވާ އަވަށްތަކަށެވެ. އެގޮތުން ހިތަދޫން 28 ގެއަކަށް، މަރަދޫފޭދޫން 24 ގެއަކަށް އަދި މަރަދޫން 12 ގެއަކަށް ގެއްލުންވެގެން މައުލޫމާތު ދިން ކަމަށް ވިދާޅުވިި އެވެ.
މި ވިއްސާރައާ ގުޅިގެން، ފެން ހިންދުން ފަދަ މަސައްކަތްތައް އައްޑޫގައި ކުރީ ސިފައިންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ގެއްލުން ލިބުނު ގެތަކުގެ މައުލޫމާތު ނަގައި، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ހިއްސާ ކޮށްފަ އެވެ. އެތަނުގެ އޮފިޝަލަކު ވިދާޅުވީ ގެއްލުން ލިބުނު ގެތަކާ ބެހޭ މައުލޫމާތު އިތުރަށް އެސެސް ކުރަމުން އަންނަ ކަމަށެވެ. އައްޑު އަށް މީގެ ކުރިން ވެސް ވިއްސާރަކޮށް، ފެންބޮޑުވި ހާދިސާތަކުގައި ސަރުކާރުން މާލީ އެހީ ދީފައިވެ އެވެ.
ވިއްސާރައިގައި ފެންބޮޑުވެ މި ފަހަރު ވެސް ގެތަކަށް ފެން ވަދެ، ގޭގޭގައި ހުރި ފަރުނީޗަރުތަކާއި ކަރަންޓް ސާމާނު ފަދަ އަގުބޮޑު ތަކެތި ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ. އަދި ބައެއް ގޭގެ ފުރާޅު ވެސް ހަލާކުވި އެވެ.