ހަރުކަށި ފިކުރުގެ އަށް މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން އިއްޔެ މޮނިކަން އަމުރު ނެރެފި އެވެ.
"ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުގެ ހުރިހާ އިދާރާއެއްގެ މިސްރާބު ހުއްޓިފައިވާއިރު، ނާޖައިޒު ފައިދާ ނަގަން މިވަގުތު އެކި ފަރާތްތަކުން އެކި ވިސްނުންތައް ގެންގުޅޭ ކަމަށެވެ. އެހެންވެ، މުޖުތަމައުގެ ނުރައްކަލަށް ކުރަމުންދާ ކަންކަން ބަލަހައްޓައި މޮނީޓާކުރަން އަށް މީހެއްގެ މައްޗަށް މޮނިކަން އަމުރު ނެރެފައިވާ ކަމަށް ވިދާޅުވި އެވެ.
"އިއްޔެ ވެސް ހައި ކޯޓުން ވަނީ އަށް ފަރާތެއްގެ މައްޗަށް މޮނިކަން އަމުރު ނެރެދެއްވާފައި. އެއީ އެ ފަރާތްތަކުން މުޖުތަމައުގެ ނުރައްކަލަށް ކުރަމުންދާ ބައެއް ކަންތައްތަކުގެ ސަބަބުން އެ ފަރާތްތައް ކޮންޓްރޯލްކޮށް، ބެލެހެއްޓުމަށްޓަކައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ލިބިދީގެންވާ އިހުތިޔާރުގެ ދަށުން ހުށަހަޅައިގެން ވަނީ އަށް ފަރާތެއް މޮނިޓާކޮށް ކޮންޓްރޯލް ކުރަން އަމުރު ނެރެދެއްވާފައި،" އިމްރާން ވިދާޅުވި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން، އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ އެވެ. ހައިކޯޓުން ނެރޭ އަމުރު ތަންފީޒު ކުރަން ޖެހޭނީ ފުލުހުންނެވެ.
މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ ބައެއްގެ ފައިގައި ޓެގް އެޅުވި އެވެ. މޮނިކަން އަމުރާ ހިލާފުވި ބައެއް މީހުންނާ މެދު އޭރު ފިޔަވަޅު ވެސް އެޅި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ހަރުކަށި ފިކުރުގެ މީހުން ވެސް ރައްޔިތުންގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުންތައް ހިންގަން ރޭވި އެވެ. އެ ކަންކަމާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ނުތަނަވަސް ހާލަތުގެ ނާޖައިޒު ފައިދާ ނަގައި ޖަލު ތެރޭގައި ވެސް ނުރައްކާތެރި ހާދިސާތައް ހިންގަން މަސައްކަތް ކުރި ކަމަށާއި މަދު ވަގުތުކޮޅެއްގެ ތެރޭގައި ޖަލު އާއްމު ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި އެ އޮޕަރޭޝަންތަކުގެ ތަފްސީލު ހިއްސާ ކުރާނެ ކަމަށެވެ.
ހަރުކަށި ފިކުރު މީހުންގެ ޖަރީމާތައް ހުއްޓުވައި ރައްޔިތުން ސަލާމަތްކުރަން އިތުރަށް ސަމާލުވެ ސިފައިންނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
މޮނިކަން އަމުރާ އެކު ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި މިނިސްޓަރުގެ ހުއްދަ ނެތި މާލެ އިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެ މީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި އެ މީހުންގެ މުވާސަލާތީ މުއާމަލާތްތައް ކޮންޓްރޯލް ކުރުމާއި ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުން ހިމެނެ އެވެ.