އިނގެރޭސިވިލާތުގެ ފުޓްބޯޅަ ކުލަބް ޗެލްސީން އެ ކުލަބުގެ ފޭނުންނަށް ނުވަތަ ބްލޫސް ސަޕޯޓާސް އަށް މި ލޮކްޑައުންގައި ކުރަން ހަވާލުކުރީ މުޅިން ތަފާތު ކަމެކެވެ. އެ ކްލަބުގެ އޮފިޝަލް އިންސްޓަގްރާމް މެދުވެރިކޮށް އެދުނީ ފޭނުންނަށް އެންމެ ރީތި ފިލްމުތައް ކިޔައިދިނުމަށެވެ. ފޭނުން ފޮނުވި އެތައް ސަތޭކަ މެސެޖެއް ފުރާނާލައިގެން ޗެލްސީން ވަނީ އެންމެ ގަދަ 10 ފިލްމުގެ ލިސްޓެއް ހަދައިފަ އެވެ. މި ލިސްޓު މިހާރު އެ ކުލަބުގެ ރަސްމީ ވެބްސައިޓްގައި އާންމުކޮށްފައި އެބަ އޮތެވެ.
އެ ފިލްމުތަކަކީ؛
ނައިވްސް އައުޓް
ހޮލީވުޑްގެ އޭ-ލިސްޓު ތަރިން ކަމަށްވާ ޑެނިއަލް ކްރެގް އާއި ކްރިސް އީވަންސް އަދި ޖެމީ ލީ ކާޓިސް ފަދަ އެކްޓަރުން އުޅޭ މި މިސްޓްރީ ކޮމެޑީ އަކީ ބައިވަރު ކުދިންތަކެއްގެ މުސްކުޅި ބަފަޔަކު މަރާލުމުން އޭނާ މަރާލީ ކާކުތޯ ހޯދުމަށް ޕްރައިވެޓް އިންވެސްޓިގޭޓަރެއް ކުރާ ތަހުގީގު ދައްކާ ފިލްމެކެވެ.
މެކްފާލޭންޑް، ޔޫއެސްއޭ
ހަގީގީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން މި ސްޕޯޓްސް ޑްރާމާ އަކީ އެމެރިކާގެ ސްކޫލެއްގެ ޓްރެކް ކޯޗެއް ކަމަށްވާ ޖިމް ވައިޓް އޭނާ ކިޔަވައިދިން ކުދިންތަކަކަށް، އެ ގައުމުގައި ބޭއްވި ސްޓޭޓް ފެންވަރުގެ ދުވުމުގެ މުބާރާތަކުން މޮޅުވުމަށް ކުރި އުނގަދޫ ދަތުރުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
އަ ބިއުޓިފުލް މައިންޑް
ވަރަށް މޮޅު ހިސާބު އިލްމުވެރިއެއް ކަމަށްވާ ޖޯން ނަޝްގެ މި ބަޔޮގުރެފިކަލް ފިލްމަކީ އެމެރިކާގެ ކުޅަދާނަ ފިލްމު އުފެއްދުންތެރިޔާ ރޮން ހޯވާޑް ޑައިރެކްޓުކޮށް، 2002 ވަނަ އަހަރު ބެސްޓް ފިކްޗާގެ އޮސްކާ އެވޯޑް އުފުއްލާލީ ފިލްމެވެ.
ފޮރެސްޓް ގަމްޕް
ބެސްޓް ޕިކްޗާގެ އޮސްކާ އެވޯޑް ހޯދި މި ފިލްމަކީ އައިކިއު ވަރަށް ދަށް މީހަކަށް، އޭނާގެ 30 އަހަރުގެ ދިރިއުޅުމުގައި ދިމާވާ ހީވެސް ނުކުރާހާ ތަފާތު ކަންތައްތަކެއް ދައްކާ ފިލްމެކެވެ. ފޮރެސްޓް ގަމްޕްގެ ރޯލު މި ފިލްމުގައި ކުޅެނީ އެކްޓަރު ޓޮމް ހޭންކްސް އެވެ.
ދި ލޯޑް އޮފް ދި ރިންގްސް
ޖޭ. އާރް. އާރް. ޓޮލްކިންގެ މި އެޕިކް ފެންޓަސީ އެޑްވެންޗާ "ދި ލޯޑް އޮފް ދި ރިންގްސް" ވާހަކަ ތިން ބަޔަކަށް ބަހާލައިގެން ފިލްމު ސީރީޒެއްގެ ގޮތުގައި ގެނެސްދިނެވެ. މި ތިން ފިލްމު ވެސް ވަނީ މި ލިސްޓުން ޖާގަ ހޯދައިފަ އެވެ.
ދި ގްރީން މައިލް
ވާހަކަ ލިޔުންތެރިޔާ ސްޓީފެން ކިންގްގެ ވާހަކަ އަށް ބިނާކޮށް ގެނެސްދިން މި ކްރައިމް ޑްރާމާ ފިލްމަކީ އެމެރިކާގެ ޖަލެއްގައި ހިނގާ އާދަޔާ ހިލާފު ކަމެއް ދައްކާ ފިލްމެކެވެ.
އޯލްޑް ސްކޫލް
މި ކްލެސިކް ކޮމެޑީ އަކީ ބަލާ ކޮންމެ ފަހަރަކު ވެސް ހީހީ ހަލާކުވާނެ ފިލްމެކެވެ. ޗެލްސީގެ ފޭނުންނަށް މި ފިލްމު އެންމެ ހާއްސަވި ސަބަބެއް ކަމަށް ބެލެވެނީ މި ފިލްމުގައި ލީޑުން ފެންނަ އެއް އެކްޓަރު ކަމަށްވާ ވިލް ފެރެލް އަކީ ޗެލްސީގެ ބޮޑު ފޭނެކެވެ.
ފެރެސައިޓް
އޮސްކާ އެވޯޑްގެ ތާރީހު އެއްކޮށް ބަދަލުކޮށްލި ސައުތު ކޮރެއާގެ މި ފިލްމަކީ މި އަހަރު ބެސްޓް ފިކްޗާ އެވެ.
ދި އިމިޓޭޝަން ގޭމް
ބެނެޓިކްޓް ޗާންބާބެޗް އިނގެރޭސިވިލާތުގެ މެތަމެޓީޝަނެއްގެ ރޯލު ކުޅޭ މި ފިލްމަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނު މީހުން މެސެޖު ބަދަލުކުރަމަށް ބޭނުންކުރި އެނިޖްމާ ކޯޑް ކްރެކް ކުރުމަށް އޭނާ އުޅުނު ގޮތް ދައްކާ ފިލްމެކެވެ.
ހެރީ ޕޮޓާ
އަދިވެސް އެންމެ ސަޅި ފެންޓަސީ ފިލްމު ސީރީޒްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ، އިނގެރޭސި ވާހަކަ ލިޔުންތެރިޔާ ޖޭ. ކޭ ރޯލިންގެ ވާހަކަ ފޮތްތަކަށް ހެދި މި ފިލްމު ސީރީޒްގައި ހިމެނޭ 8 ފިލްމު ވެސް މި ލިސްޓުގައި އެބަ އޮތެވެ.