މާލެ، ވިލިމާލެ، ހުޅުމާލެ އަންނަ މަހުގެ 1 އާ ހަަމައަށް ލޮކްޑައުން ކޮށްފައިވާތީ، އެ ސަރަަހައްދުގައި ދިރިއުޅޭ މީހުން މި ރޯދަ މަހު ފިތުރު ޒަކާތް ދައްކާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައިވާ ގޮތުން ހަތަރު ވަސީލަތެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ. އެއީ:
1- ދިރާގު ޕޭ އެންޑް ލައިފް ސްޓައިލް އެޕްލިކޭޝަނާއި އެސްއެމްއެސް މެދުވެރިކޮށް.
2- އުރީދޫ އެމް ފައިސާ އެޕްލިކޭޝަނާއި އެސްއެމްއެސް މެދުވެރިކޮށް.
3- މޯލްޑިވްސް އިސްލާމިކް ބޭންކުގެ "ފައިސާ ނެޓް" އަދި މޯބައިލް ބޭންކިން "ފައިސާ މޮބައިލް މެދުވެރިކޮށް.
4- ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުން.
ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި މިހާރު ގެނެސްފައިވާ ހާލަތު ބަދަލުވެއްޖެ ނަމަ އެހެން އަހަރުތަކެކޭ އެއްގޮތަށް އެ މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަންނާނެ ކަމަަށެވެ.
މާލެ ފިޔަވައި އެހެން ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލްތަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މި ފަހަރު ފިތުރު ޒަކާތް ދައްކަންޖެހޭ ގޮވާމުގެ އަގު:
1- އާދައިގެ ހަނޑޫ- 15ރ.
2- ތައިލެންޑް ހުދު ހަނޑޫ- 48ރ.
3- ބާސްމަތީ ހަނޑޫ- 105ރ.
4- ރަތް ހަނޑޫ- 65ރ.
5- އާދައިގެ ފުށް- 12ރ.
6- އާޓާފުށް- 55ރ.