އެމްޑީޕީން މަސައްކަތް ކުރަނީ އެކި ގައުމުތަކުގައި ފެތުރެމުންދާ އަދި މިހާތަނަށް ފަރުވާއެއް ވެސް ހޯދިފައި ނެތް ކޮވިޑް-19 އަކީ ސީރިއަސް ނޫން ކަމަކަށް ހަދަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެ އަށް އޮތްކަން އެނގޭތީ ރާއްޖޭގެ އެތައް ބަޔަކު ތިބީ އެ ކަމުގެ ކަންބޮޑުވުމުގައި ކަމަށެވެ. ނަމަވެސް، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މަސަައްކަތް ކުރަނީ އެ ބައްޔާ ގުޅިގެން ސީރިއަސް ވާން ޖެހޭ ކަމެއް ނެތް ކަމަށް ދައްކަން ކަަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު އެމްޑީޕީ އަށް ގޮވައިލަން، ސިޔާސީ ޒިންމާދާރު ޕާޓީ އަކަށް އެމްޑީޕީ ވާށޭ. ރައްޔިތުންނާ ގުޅުން ހުރި މި ކަހަލަ ސީރިއަސް ކަންތައްތައް އޮޅުވައިލުމުގެ ބަދަލުގައި ރައްޔިތުންނަށް އެ ކަމުގައި އޮތް ނުރައްކާތެރިކަން ވީހާ ވެސް ރަނގަޅަކަށް ހާމަކޮށްދިނުމުގައި ތިޔަ ބޭފުޅުންގެ ޒިންމާ ވެސް ނަންގަވާށޭ،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖެ އިން ވެސް މިހާރު ވަނީ ކޮވިޑް-19 ފެނިފަ އެވެ. އެގޮތުން، ކުރެއްދޫ އައިލެންޑް ރިސޯޓާއި ބަތަލާ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ހަ ބިދޭސީއަކަށް އެ ބަލި ޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެއީ ކުރެއްދޫން ހަތަރެއް އަދި ބަތަލާ އިން ދެ މީހެކެވެ. މިހާތަނަށް އެއްވެސް ދިވެއްސަކު ކޮވިޑް-19 އަކަށް ޕޮޒިޓިވްއެއް ނުވެ އެވެ.
ދުނިޔެ އިން އަލަށް ފެނުނު ކޮރޯނާވައިރަހާ މެދު އެމްޑީޕީން ކަންބޮޑުނުވާ ކަމަށް ވިދާޅުވެ ޝިޔާމް ފާޑުވިދާޅުވިއިރު، މަޖިލީހުގެ އިއްޔެ ޖަލްސާގައި އެ ޕާޓީގެ ބައެއް މެމްބަރުން ވެސް ވިދާޅުވީ، އެ ވައިރަހާ ގުޅިގެން ރާއްޖެ އަށް މީހުން އައުން މަނާކުރަން ނުފެންނަ ކަމަށެވެ.
އެގޮތުން ބައެއް މެމްބަރުން ވިދާޅުވީ ކޮވިޑް-19 އަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި އެކަމާ ގުޅިގެން ދަތުރުތައް ހުއްޓައިލުމަކީ ރަަނގަޅު ފިޔަވަޅެއް ނޫން ކަމަށެވެ. އެކަމަކު އެ ވާހަަކައާ ދެކޮޅަށް ވެސް ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ.
"އަޅުގަނޑު އެމްޑީޕީ އަށް ގޮވައިލަން، ސިޔާސީ ޒިންމާދާރު ޕާޓީ އަކަށް އެމްޑީޕީ ވާށޭ. ރައްޔިތުންނާ ގުޅުން ހުރި މި ކަހަލަ ސީރިއަސް ކަންތައްތައް އޮޅުވައިލުމުގެ ބަދަލުގައި ރައްޔިތުންނަށް އެ ކަމުގައި އޮތް ނުރައްކާތެރިކަން ވީހާ ވެސް ރަނގަޅަކަށް ހާމަކޮށްދިނުމުގައި ތިޔަ ބޭފުޅުންގެ ޒިންމާ ވެސް ނަންގަވާށޭ،" ޝިޔާމް
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ދިފާއު ކުރައްވައި މަރަދޫ ދާއިރާގެ އެމްޑީޕީގެ އިބްރާހީމް ޝަރީފް (މަވޯޓާ) އިއްޔެ ވިދާޅުވީ ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކީ އެހެން ގައުމުތަކުން ވެސް އެ ގައުމުތަކުގެ ރައްޔިތުން ސަލާމަތްކުރަން އެޅި ފަދަ ފިޔަވަަޅުތަކެއް ކަަމަށެވެ.
ޝަރީފް، މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ވާހަކަ ދެއްކެވީ ރާއްޖެ އަށް ތިންވަނަ އަށް އެންމެ ގިނަ މީހުން އަންނަ އިޓަލީން މީހުން އައުން ވަގުތީ ގޮތުން ސަރުކާރުން މަނާކުރުމުން އެކަމާ ދެކޮޅަށް ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަަށް ބަހުސް ކުރައްވަމުންނެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެއީ ރައްޔިތުންނަށް ކަނޑައެޅިގެން އޮޅޭ ގޮތަށް ހުށަހަޅުއްވާފައިވާ ގަރާރެކެވެ.
"އިޓަލީގައިި ހަލުވިކޮށް، ބާރަށް މި ބަލި ފެތުރެމުން ދާތީ ހުދު އިޓަލީގެ ލޮމްބާޑީ ސަރަހައްދުގެ 16 މިލިއަން މީހުން ކަރަންޓީނު ކޮށްފައި އެ އޮތީ. އިޓަލީގެ އެހެން ސަރަހައްދުތަކަށް ވެސް ދިއުން މަނާކޮށްފައި އެ އޮތީ. އެހެންވީމާ ދިވެހިރާއްޖޭން މި އެޅި ފިޔަވަޅަކީ ވެސް ހަމަ އެކަހަލަ ފިޔަވަޅެއް،" އޭނާ ވިދާޅުވެފައި ވެ އެވެ.
ރާއްޖެ އަށް އިޓަލީން މީހުން އައުން ވަގުތީ ގޮތުން މަނާކުރުމުން މަޖިލީހުގެ ބައެއް މެމްބަރުން އެކަމާ ދެކޮޅު ހެއްދެވި ނަމަވެސް ކޮވިޑް-19 ބަލިޖެހޭ މީހުންގެ އަދަދު ވަަރަށް ބޮޑަށް އިތުރުވެ، ހާލަތު ގޯސްވުމުން އިޓަލީ މިއަދުން ފެށިގެން ވަނީ "ބަންދުކޮށްފަ" އެވެ.
ކޮރޯނާވައިރަސް ޖެހިގެން އިޓަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 463 އަށް އަރައިފަ އެވެ. ޗައިނާ އަށް ފަހު މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީގަ އެވެ.
ކޮވިޑް-19 އަށް އެކި ގައުމުތަކުން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަަދަދު މިހާރު ވަނީ 110،000 އަށް ވުރެ މަތިވެފަ އެވެ. އެ ބަލީގައި މިހާތަނަށް މަރުވީ 4،026 މީހުންނެވެ.