ކޮވިޑް-19 އަށް ރާއްޖޭން ފޮޒިޓިވްވި ދެ ބިދޭސީންނާ އެކި ގޮތް ގޮތުން ގުޅުން ހުރި 173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަމީން ވިދާޅުވީ، އެ ބައްޔަށް ޕޮޒިޓިވް ވި، ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުންނާ ގުޅުން ހުރި 173 މީހުންގެ ތެރެއިން 93 މީހަކު މިހާރު ތިބީ އެ ރިސޯޓުގެ ކޮޓަރިތަކުގައި އެކަހެރި ކޮށްފައި ކަަމަށެވެ. އެކަމަކު އަނެއް 80 މީހުން ތިބި ތަންތަނުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އެ 80 މީހުންނަކީ "ކޮންޓެކްޓް ޓްރޭސިން" ގައި ފާހަގަކުރެވުނު މީހުންނެވެ.
ކުރެއްދޫގެ އިތުރުން ބަތަލާ އައިލެންޑް ރިސޯޓުގެ ކޮޓަރިތަކުގައި ވެސް 11 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
ސޭޑީޒް ބަތަލާ އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްްތަކެއް ފެނުމާ ގުޅިގެން، އޭނާގެ ޓެސްޓުތައް ހެދުމަށާއި މޮނިޓަރިން އަށްޓަކައި ރެ އިން ފެށިގެން އެ ރިސޯޓަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އެ ޓޫރިސްޓު މީހާގެ ޓެސްޓުގެ ނަތީޖާ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން އެހެން ރަށް ރަށަށް ދިޔަ މީހުން ފާހަގަކުރެވިފައިވޭތޯ "މިހާރު" ން ސުވާލު ކުރުމުން އަމީން ވިދާޅުވީ އެ ގޮތަށް ފާހަަގަ ކުރެވިފައިވާ މީހުންގެ ގައިން ބަލީގެ އަލާމާތެއް ފެނޭތޯ ފާރަވެރިވެ ބަލަމުން އަންނަ ކަމަށެވެ.
"ބައެއް ރަށްތައް އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ. މި ދެންނެވިހެން ކުރެއްދޫ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި އަޅުގަނޑު މި ދެންނެވީތާ 173 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށް. އޭގެ ތެރެއިން އަޅުގަނޑުމެން އެންމެ ބޮޑަށް ފާރަވެރިވެ މި ބަލަނީ ތިޔަ ވިދާޅުވާހެން އެެއްވެސް ދިމާލަކަށް ގޮސްފައި ހުރި މީހެއްގެ އަލާމާތްތައް ފެނޭތޯ،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން ރިސޯޓްގައި ތިބި މީހުންގެ ކަންތައްތައް ބަަލަހައްޓާނެ ގޮތުގެ އިރުޝާދު ރިސޯޓަށް ދީފައިވާ ކަަމަށާއި އެހެން ރަށް ރަށަށް ދިޔަ މީހުންނާ މެދު ފަރުވާތެރިވާން ޖެހޭ ކަންތައްތައް އެ ރަށްތަކަށް އަންގާފައިވާ ކަމަށެވެ.
ކުރެއްދޫ ކޭހާ ގުޅުން ހުރި މީހުންގެ ތެރެއިން ށ. ފޯކައިދު އަށް ގޮސްހުރި މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުން އޭނާ ޓެސްޓްކޮށް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ކުރެއްދޫގައި މަސައްކަތް ކުރި ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެރަށް ކަރަންޓީނުކުރި އިރު އެ ރަށުގައި ޓޫރިސްޓުުންނާއި މުވައްޒަފުން ހިމެނޭ ގޮތުން ޖުމްލަ 1،389 މީހުން ތިއްބެވެ. އެއީ 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މަސަައްކަތްްތެރިންނެވެ. ބިދޭސީ 420 މަސައްކަތްތެެރިންގެ ތެރޭގައި ގިނައީ ކޮންސްޓްރަކްޝަން މަސަައްކަތްތަކަށް ގޮސް ތިބި، އެހެން ކުންފުންޏެއްގެ މުވައްޒަފުންނެވެ.
ރާއްްޖޭގެ އެންމެ ދުވަސްވީ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫ އައިލެންޑް ރިސޯޓަކީ ޗަމްޕާ ބްރަދާސްއާއި ސްވިޓްޒަލެންޑްގެ ލާސް ޕީޓަ އަދި މެޓް ޕީޓަރު ގުޅިގެން އުފަައްދާފައިވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ކުންފުނިން ހިންގާ ރިސޯޓެކެވެ.
ކުރެއްދޫގައި މިވަގުތު ތިބި ޓޫރިސްޓުންނަށް ހާލަތާ ބެހޭ ގޮތުން ތަފްސީލް މައުލޫމާތާއި އިރުޝާދު ދީފައިވާ ލިއުމެއް އެ ރިސޯޓްގެ ވެބްސައިޓްގައި ޝާއިއުކޮށްފައި އެބަހުއްޓެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެރަށަށް ބޭނުންވާ ހުރިހާ ތަކެއްޗަކާއި ސިއްހީ ހިދުމަތްތައް އެންމެ ރަނގަޅަށް ހަމަޖެހިފައި އެބަހުއްޓެވެ.