ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ބަސް ސްޓޮޕެއް ހަދައި، އެތަނަށް ހުޅުމާލެ އިން ބަހުގައި ދަތުރުކުރަން މިއަދު ފަށައިފި އެވެ.
މި ދަތުރުތައް ފައްޓަވައިދެއްވީ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ބައިވެރިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ޝިފާ ވިދާޅުވީ، މާލޭގައި ބަސް ސްޓޮޕްތައް ހަދާ އިރު، ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ސަރަހައްދެއްގައި ބަސް ސްޓޮޕް ހަދަން ވިސްނަވާ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ހުޅުވި ބަސް ސްޓޮޕުން، ހޮސްޕިޓަލަށް އައިސް ގޮސް އުޅުމަށް ފަސޭހަވުމުގެ އިތުރުން އެ ސަރަހައްދުގައި ހުންނަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށާއި ރަސްފަންނު ބޭނުންކުރާ މީހުންނަށް ވެސް ގިނަ ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސްކޫލްތަކަށް އަންނަ ކުދިންނަށް ވެސް ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެ. ވިލިނގިލިން އަންނަ ކުދިންނަށް ވެސް ހުޅުމާލެއިން އަންނަ ކުދިންނަށް ވެސް [ފަސޭހަވެގެން ދާނެ]،" ޝިފާ ވިދާޅުވި އެވެ.
އެމްްޕީއެލްގެ އެމްޑީ ޝާހިދު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި ހުޅުވި ބަސް ސްޓޮޕުން ދަތުރުކުރާއިރު ލިންކް ރޯޑްގެ ދެ ތަނެއްގައި މަޑުކުރާނެ ކަމަށެވެ. އަދި އެހެން ބަސްތައް ވެސް ހުޅުމާލޭގައި މަޑުކުރާ ތަންތަނުގައި، މި ބަސް މަޑުކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ދޭތެރޭގައި ބަސް ދަތުރުކުރަން ނިންމާފައި ވަނީ ގަޑިއަކު އެއް ފަހަރު އެވެ. ނަމަވެސް މި ރޫޓު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެއްޖެ ނަމަ، ބަސް ދަތުރުތައް އިތުރުކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މި ޕޮއިންޓަށް މި ޓާގެޓްކުރީ މި ތަނަކީ އައިޖީއެމްއެޗް ވެސް ހުރި ސަރަހައްދު ކަމަށް ވާތީ، އަދި ވަރަށް ގިނަ އޮފީސްތަކާއި ސްކޫލަށް ވެސް ކައިރި ވުމާ އެކު ވަރަށް ގިނަ ބަޔަކަށް ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަން ފަސޭހަ ވާނެތީ، މިތަނުން ސްޓާޓް ކުރީމަ،" ޝާހިދު ވިދާޅުވި އެވެ.
މިދިޔަ މަހުގެ ކުރީ ކޮޅު އެމްޕީއެލް އިން ވަނީ ކާނިވާ ސަރަހައްދުން ހުޅުމާލެ އަށް ދަތުރުކުރާ ބަސް ރޫޓެއް ވެސް ތައާރަފްކޮށްފަ އެވެ. ޝާހިދު ވިދާޅުވީ، އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ސަރަހައްދަށް އަންނަ ދޯނިތަކުން އަންނަ ދަތުރު ވެރިން، އެ ބަސް ސްޓޮޕް މުހިންމު ކަމަށެވެ.