މަތިންދާބޯޓްތައް ފަރުމާކޮށްފައި ހުންނަ ގޮތުން ސީޓްތަކުގައި ނިދައިލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. މިކަމަށް އެކި ފެންވަރުގައި އެކި އެއާލައިންތަކުން އަންނަނީ ހައްލުތައް ހޯދައިދޭން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ.
އެއާ ނިއު ޒިލެންޑްގެ ފްލައިޓްތަކުގައި ދަތުރުވެރިންނަށް ހަމަޖެހިލައިގެން ނިދައިލެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖައްސާނެ އެވެ. އެނދެއްގައި ނިދައިލެވޭހާ އަރާމުކޮށް ނިދައިލެވޭ ސްލީޕިން ޕޮޑްތަކެއް "އިކޮނޮމީ ނެސްޓް" ގެ ނަމުގައި ތައްޔާރުކޮށް، މި އެއްޗެހި ތިން އަހަރެއްހާ ދުވަހު ވަނީ ތަޖުރިބާކޮށްފަ އެވެ.
ދިގުމިނުގައި 200 ސެންޓިމީޓަރު (6.5 ފޫޓް) އަދި ފުޅާމިނުގައި 58 ސެންޓިމީޓަރު (22 އިންޗި) ހުންނަ މި ސްލީޕިން ޕޮޑްތައް ފަރުމާކޮށްފައި ވަނީ އެ މީހަކު ބޭނުން ގޮތަކަށް އޮވެގެން ނިދަލައިލެވޭނެ ގޮތަށެވެ. އަދި އަދި ބޯ އަޅައިލާނެ އަރާމު ބާލީހަކާއި ރަޖައަކާއި ބެޑްޝީޓާއި އިއާ ޕްލަގާއި ޕްރައިވެސީ އަށް ހާއްސަ ފަރުދާއެއް ކޮންމެ ޕޮޑެއްގައި ހިމެނޭނެ އެވެ. އަދި މި އެއްޗެހި އެއްކޮށް ފުރިހަމަވެގެން އަންނަ އިރު ރީޑިން ލައިޓާއި ޔޫއެސްބީ އައުޓްލެޓްތައް ވެސް ޕޮޑްތަކުގައި ހުންނާނެ އެވެ.
މި އެއްޗެހި ތަޖުރިބާކޮށްފައި ވަނީ އޯކްލަންޑްގައި ހުންނަ ހެގަރެއްގައި 200 އެއްހާ މީހުން ބައިވެރިިކޮށްގެންނެވެ.
އެހެންވެ ރަސްމީކޮށް މަތިންބޯޓްތަކަށް ތައާރަފުކުރުމުގެ ގޮތުން އެއާ ނިއުޒިލެންޑުން މިހާރު ވަނީ "އިކޮނޮމީ ނެސްޓް" ޕެޓަންޓް އަދި ޓްރޭޑްމާކެއްގެ ގޮތުގައި ރަޖިސްޓްރީކުރަން މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމާބެހޭ އިދާރާތަކަށް ވެސް ހުށަހަޅައިފަ އެވެ.
އެއާ ނިއު ޒިލެންޑްގެ ޗީފް މާކެޓިން އަދި ކަސްޓަމާ އޮފިސަރު މައިކް ޓޮޑް ވިދާޅުވީ އެ އެއާލައިނުން ހޯދައިދޭ ހައްލަކީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ އިރު، އަރާމު ނިންޖެއް ކަށަވަރުކޮށް ދިނުން ކަމަށެވެ.
"އިކޮނޮމީ ސްކައިނެސްޓަކީ އެ ޗެލެންޖަށް އަހަރެމެން ހޯދައިދޭ ހަގީގީ ހައްލު،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އެއާ ނިއުޒިލެންޑުން ވަނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުންނަށް އިށީނދެލައިގެން ގިނައިރު ވަންދެން އިންނަން ފަސޭހަ "އިކޮނޮމީ ސްކައިކައުޗް" ވެސް 2011 ގައި ތައާރަފުކޮށްފަ އެވެ.
"އަހަރެމެން މިހާރު މި އިންތިޒާރުކުރަނީ ސްލީޕިން ޕޮޑްތަކަށް ރަސްމީ ހައްސިއްޔަތު ލިބޭނެ އިރަކަށް،" ޓޮޑް ވިދާޅުވި އެވެ. "އަލަށް ފަށައިގަންނަ އިރު މަތިންދާބޯޓްކުގައި މަދުވެގެން ހައެއްކަ ޕޮޑްސް ބެހެއްޓުމަކީ ޓާގެޓެއް. މިއާ އެކު މިކަމަށް އިންވެސްޓްކުރަން ޖެހޭ މިންވަރާއި ޕްރޮޑަކްޓް ވައިބިލިޓީ އަކީ ވެސް އަހަރެމެން ފޯކަސްކުރަން ޖެހޭ ދާއިރާތައް."
އެއާ ނިއު ޒިލެންޑުން ބުނިގޮތުގައި މި އަހަރުގެ އޮކްޓޯބަރު ހިސާބުގައި މަތިންދާ ބޯޓްތަކުގައި ސްލީޕިން ޕޮޑްތައް ޓެސްޓްކުރުމަށް ފަހު، އަންނަ އަހަރު "އިކޮނޮމީ ސްކައިނެސްޓް" އާ މެދު ވަކި ގޮތެއް ނިންމާނެ އެވެ.