އަމީނިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސްކޫލް ކެޕްޓަނަކަށް ފިރިހެން ދަރިވަރަކު އިއްޔެ ހޮވައިފި އެވެ.
ރާއްޖޭގެ ތިން ވަނަ އަށް އެންމެ ދުވަސް ވީ ސްކޫލުގެ މަގާމުތަކަށް ދަރިވަރުން ހޮވަން ބޭއްވި އިންތިޚާބުގައި، އެންމެ ގިނަ ވޯޓު ލިބިގެން ކެޕްޓަނަކަށް ހޮވުނީ، ގްރޭޑް 10 ގައި ކިޔަވަމުން އަންނަ މުހައްމަދު ޖޫދު ޖާވިޒެވެ.
ކެޕްޓަންގެ އިތުރުން ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނާއި ގޭމްސް ކެޕްޓަން ވެސް ހޮވާފައިވެ އެވެ. އެ މަގާމުތަކަށް ވެސް ފިރިހެން ދަރިވަރުން ހޮވިފައިވާއިރު، މިއީ އެ ސްކޫލުގެ 75 އަހަރުވީ ތާރީހުގައި، ސްކޫލުގެ އެންމެ އިސް މަގާމުތަކަށް ފިރިހެން ކުދިން ހޮވުނު ފުރަތަމަ ފަހަރެވެ.
ސްކޫލު ޑެޕިއުޓީ ކެޕްޓަނަކަށް އަހުމަދު މިޖްވަލް ނަވާޒު އަދި ގޭމްސް ކެޕްޓަނަކަށް ހޮވާފައިވަނީ ޝަހުރު އަހުމަދެވެ. ގްރޭޑު 10 ގައި ކިޔަވަމުން އަންނަ ތިން ދަރިވަރުންގެ ތައުލީމީ ހަޔާތް ފަށާފައިވަނީ ވެސް އަމީނިއްޔާއިންނެވެ.
މަގާމުތަކަށް ހޮވާއިރު، ދަރިވަރުންގެ އަހުލާގާއި ލީޑަޝިޕާއި ޓީޗަރުންގެ ފީޑްބެކާއި އިންޓަވިއުކުރާނެ އެވެ. އެކަމަށް 50 ޕަސެންޓް ކަނޑައަޅާފައިވާއިރު ބާކީ 50 ޕަސެންޓް ބަލާނީ ދަރިވަރުންގެ ވޯޓަށެވެ.
ސްކޫލުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން، އަމީނިއްޔާގެ އެންމެ އިސް މަގާމުތަކަށް އަންހެން ކުދިން ވެސް ކުރިމަތިލި އެވެ.
އަމީނިއްޔާއިން ރާއްޖޭގެ ތަރީޚުން ޖާގަ ހޯދާފައި ވަނީ އަންހެން ކުދިންނަށް ހާއްސަ ސްކޫލެއްގެ ގޮތުގަ އެވެ. މީގެ 10 އަހަރު ކުރިން 2010 ގައި، ދެ ޖިންސްގެ ކުދިންނަށް އަމީނިއްޔާ ހުޅުވާ ލުމުގެ ކުރިން އެއީ ހަމައެކަނި އަންހެން ކުދިން ކިޔަވަމުން އައި ސްކޫލެކެވެ. އެހެންވެ މިދިޔަ އަހަރާ ހަމައަށް ވެސް އެ ސްކޫލުގެ ކެޕްޓަންކަން ކުރަމުން ދިޔައީ އަންހެން ކުދިންނެވެ.