އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އެމްޑީޕީން ކާމިޔާބު ކުރާނީ 60 ޕަސެންޓަށް ވުރެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފަށައި، މުޅި ރާއްޖޭގައި އެ ޕާޓީގެ ކެންޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވުމަށް ފަހު، އެމްޑީޕީގެ މައި ހަރުގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުން އަދިވެސް ތިބީ، މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހޯދި ނަތީޖާ އަށް މިސްރާބު ޖަހައިގެން ކަމަށެވެ.
އެ އިންތިޚާބުގައި އެމްޑީޕީން ވަނީ ސުޕަމެޖޯރިޓީ ހޯދައިފަ އެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، އެ ޕާޓީން ކައުންސިލްތަކުގެ އިންތިޚާބު ފަށާނީ ވެސް 60 ޕަސެންޓްގެ ތާއީދާ އެކު އެވެ.
އެކަމާ ގުޅޭގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސުވާލު ދެންނެވުމުން ވިދާޅުވީ، އެ އަށް ވުރެ ބޮޑު ކާމިޔާބީއެއް އެމްޑީޕީން ހޯދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި ބޮޑު ތަފާތަކުން މި އިންތިޚާބު ވެސް ކާމިޔާބު ކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި އިންތިޚާބު ކާމިޔާބުކުރުން އެމްޑީޕީ އަށް ވަރަށް މުހިއްމު ކަމަށެވެ. އެންމެ ބޮޑު ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ހިންގަންޖެހޭ މަޝްރޫއުތަކަށް އެއްބާރުލުންދީ، އެކަމަށް މަގުފަހި ކުރުން ކަމަށެވެ. ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލްތަކުގައި ތިބެން ޖެހޭނެ ކަަމަށާއި އެހެންވެ، މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް އެދިވަޑައިގަތެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވެސް ވަނީ މި އިންތިޚާބު ކާމިޔާބުކުރުން އެމްޑީޕީ އަށް މުހިއްމުކަން ފާހަގަ ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ފަރާތުން މަޝްރޫއުތައް ހިންގުމުގައި، އެ މަޝްރޫއުތައް އެކުލަވައިލި އިރު ގެންގުޅުނު ވިސްނުން ތަމްސީލު ވާ ފަދަ ކައުންސިލަރުން ތިބުން މުހިންމެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން މިހާރު ވަނީ ޕްރައިމަރީން ހޮވައިފަ އެވެ.