އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު އޮތް އަޑުއެހުމަކަށް ޓޫރިޒަމް މިނިސްޓްރީ ހާޒިރުނުވުމުން، އެތަނުގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާކުރަން ނިންމައިފި އެވެ.
އާއްމުކޮށް ހުޅުވާލައިގެން ބާއްވަން އުޅުނީ ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދޭން ދެކޮޅުހެދުމުން މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލަގެ އަޑުއެހުމެކެވެ. މި ގޮތަށް ބާއްވާ އަޑުއެހުންތަކަށް ހާޒިރުނުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު އިންފޮމޭޝަން ކޮމިނަރަށް ލިބިދެ އެވެ.
ޓޫރިޒަމްގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާ ކުރަން ނިންމި އަދަދެއް އައިކޮމް އިން އަދި ހާމައެއް ނުކުރެ އެވެ.
ޓްރޭޑް ޔޫނިއަނުން ހޯދަން އުޅުނީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށް ވާ އެމްއެމްޕީއާރުސީއަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރި ރަށްރަށުގެ ލިސްޓެކެވެ. އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލަ ހުށައެޅޭނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާއަކަށް ރަސްމީކޮށް ފޮނުވައިގެން މައުލޫމާތު ނުލިބިއްޖެ ނަމަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. ކޮމިޝަނަރު ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.
"ރައްޔިތުންގެ ހައްގަކީ ކުޅޭކުޅޭ އެއްޗެއް ނޫން. މާއްދާ 29 ނެގެހެއްޓުމަށް ގާނޫނުން ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނަން،" ފިޔާޒް ވިދާޅުވި އެވެ.
އޭނާ މަގާމާ ހަވާލުވެވަޑައިގެން ގެންނެވި ބަދަލުތަކުގެ ތެރޭގައި އެ ކޮމިޝަނުގެ ހުރިހާ އަޑު އެހުންތަކެއް ހުޅުވާލައިގެން ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތަކީ މައުލޫމާތު ހާމަކުރުމާއި ދައުލަތް ޖަވާބުދާރީ ކުރުވުމެވެ. މިކަން ކުރުމަށް އެ އޮފީހުން ވަނީ "މާއްދާ 29" ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފަ އެވެ.