ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އެކަން ދެންމެ އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސްގެ ޓްވީޓްގައި ވަނީ އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ސ. ހިތަދު އަށް އުފަން އައިޝާ ޖެންޑާ މިނިސްޓަރުކަން ކުރެއްވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ރާއްޖެ އަށް ޒަމާނީ ޑިމޮކްރެސީ ގެނެސް ވެރިކަމުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި މައުމޫންގެ ކެބިނެޓަށް ފަހުން ގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އާއިޝާ ޔުނިސެފްގައި ވެސް މަސައްކަތް ކުރެއްވި އެވެ.
އައިޝާ، އިންޑިއާގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމާ ހިސާބަށް ވަޒީފާ އަދާކުރެއްވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގަ އެވެ.
އޭނާ ވެފައި ވަނީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ސަފީރަށެވެ. އާއިޝާ، އެ ގައުމުގެ ރައީސް ރާމް ނާތު ކޯވިންދަށް މަގާމުގެ ފަތްކޮޅު އެރުވީ ފެބްރުއަރީ 8، 2019ގަ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަން ފަޅާއަރައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލު ވެފައިވާކަން އެނގުނީ ހިޝާންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
މި މައްސަލައިގައި، ޝިދާތާ މަގާމުން އިސްތިއުފާ ދެއްވުމަށް ނުވަތަ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ. އަދި އެގޮތަށް އަމަލު ނުކުރައްވައިފި ނަމަ، ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
ހިޝާންގެ މައްސަލައިގެ އިތުރުން އުމުރުން ދެ އަހަރު ވެސް ނުވާ އަންހެން ކުއްޖަކަށް، އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ފަރާތުން ލިބުނު ޖިންސީ ގޯނާއާ ގުޅިގެން ވެސް ޝިދާތާ އިހުމާލު ވެފައިވާ ކަމަށް ބުނެ "ހޫނުފެނަށް" ވެއްޓިފައި ވެ އެވެ. އަދި އެ މައްސަލަ އަށް ފަހު، ކަންކަން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލިސް މެދުވެރިވެގެން ދިން މުއްދަތަށް ޝިދާތާ ބައެއް ކަންކަން ކުރަން ނިންމަވައި އެކަން މަޖިލިހަށް ވެސް އެންގެވި އެވެ.
ޝިދާތާ އަކީ، އެމްޑީޕީ އާއި، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ކޯލިޝަންގެ މަސައްކަތުން ނޮވެމްބަރު 17، 2018 ގައި ވެރިކަމަށް އައި މި ސަރުކާރުން އިސްތިއުފާ ދެއްވި ފުރަތަމަ ވަޒީރެވެ.