ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި ދެއްވީ އުއްމީދެއް ނެތް ބަޔާނެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދެ ވަނަ ރައީސް ބަޔާނަށް ފަހު، އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެ ބަޔާނުގައި ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.
"ޖުމްލަކޮށް ބަލާއިރު، އެއީ ވަރަށް އޮއްޓަރެއް ނެތް ބަޔާނެއް،" މިދިޔަ ދެ ދައުރުގައި، މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި، އެކަމަކު އެންމެ ފަހުގެ މަޖިލިހުގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އަދުރޭ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު އަދި މިހާރު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރިޔާސީ ބަޔާނުން، މުޅި ދައުލަތް އޮޅުންބޮޅުމުގެ ތެރޭގައި އޮތްކަން އެނގިވަޑައިގެންފި ކަމަށެވެ. އަދި އިޖްތިމާއީ އިންސާފުން އެކަހެރިވެ، މުޅި ގައުމުގެ އިގްތިސޯދު ދަށަށް ގޮސްފައިވާ ކަމަށާއި އެކަން ހަމަ މަގަށް އެޅުވޭނެ ގާބިލްކަން ސަރުކާރުގައި ނެތްކަން އެނގިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު، ރިޔާސީ ބަޔާން ސިފަ ކުރެއްވީ، "ވަރަށް ތާފަނާ ރިޕޯޓެއް"ގެ ގޮތުގަ އެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ކުރާ ގިނަ މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާ އިން ދަރިވަރުންނަށް ދުޅަހެޔޮ ބަދަލުތަކާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ފަސްް ސަރަހައްދެއްގައި ޓާޝާރީ ހޮސްޕިޓަލް ގާއިމްކުރުމާއި އިގްތިސާދު ރަނގަޅުކުރުމުގެ މަސައްކަތާއި އިޖުތިމާއީ ދާއިރާގެ މައްސަލަތަކުގައި ހޯއްދަވައި ދެއްވި ހައްލުތަކާ އެކު ގައުމުގައި ވަނީ ހަމަޖެހުމާއި އަމާންކަން ގާއިމްވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ގައުމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުގައި ވެސް، ސަރުކާރުން ކޮންމެ ނިންމުމެއް ވެސް ނިންމީ އަދި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް އަޅާފައިވާނީ ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން ކަމަށެވެ.
ރައީސް ބަޔާން ދެއްވި އިދިކޮޅު ބައެއް މެމްބަރުން ތިއްބެވީ ޔާމީން މިނިވަންކުރަން ގޮވާލަމުން، ބޯޑުތައް ހިފަހައްޓަވައިގެން، ރައީސްގެ ކުރިފުޅުމަތީގަ އެވެ. އެކަމަކު ޔާމީން 2015 ގެ ރިޔާސީ ބަޔާން ދެއްވި އިރު، އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ މެމްބަރުން ހަޅޭއްލެވި ގޮތަށް، އަޑުގަދަކުރައްވާފައެއް ނުވެ އެވެ.
އޭރު ޖަލުގައި ބަންދުކޮށްފައި ހުންނެވީ، މިއަދު ރިޔާސީ ބަޔާން ދެއްވި އިރު މަޖިލިހުގެ ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.