ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ބިރުވެރިިކަން ދިވެހިންގެ މެދުގައި ބޮޑުވި ބޮޑުވުމަށް މި ވަގުތު އުފާވެރި ޚަބަރެއް ލިބިއްޖެ އެވެ: ޝައްކުވެގެން ޓެސްޓްކުރި އެންމެން، އެ ވައިރަހަށް ނެގެޓިވްވުމެވެ.
އެ ހަބަރު އިއުލާންކޮށްދެއްވީ، ރައްޔިތުންގެ މަޖިލިހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޗައިނާއިން ރާއްޖެ އައި 20 އަހަރުގެ ދަރިވަރެއްގެ ކިބައިން ޝައްކުކުރެވޭ ބައެއް އަލާމާތްތައް ފެނުމުން އޭނާ ވަނީ ފުނަދޫގައި، މިދިއަ ބުރާސްފަތިދުވަހު، ކަރަންޓީންކޮށްފަ އެވެ. ރައްކާތެރިކަމުގެ ގޮތުން އެ ފިޔަވަޅު އެޅިއިރު ވެސް، ރަސްމީ ފަރާތްތަކުން ބުނަމުން ދިޔައީ، އެއީ ކޮންމެހެން ވައިރަސް ހުރިކަން ޔަގީންވެގެން ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޗައިނާގައި ވައިރަސް އެންމެ ބޮޑަށް ފެތުރޭ ސަރަހައްދުތަކަށް ގޮސް ހުރި މީހެއް ވިއްޔާ، އަދި އޭނާގެ ކިބައިން ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ، ޓެސްޓްކުރަން ޖެހޭ ކަމަށް، ރަސްމީ ފަރާތްތަކުން ބުނެ އެވެ.
އޭނާގެ އިތުރުން އެހެން ދެ މީހެއްގެ ލޭގެ ސާމްޕަލްތައް ވެސް އިންޑިއާއަށް ފޮނުވި އެވެ. އެކަމަކު އެ ތިން މީހުންގެ ޓެސްޓް ވެސް ވަނީ ނެގެޓިވްވެފަ އެވެ.
ކޮރޯނާވައިރަހަށް ޓެސްޓްކުރެވޭނެ ގާބިލްކަން ރާއްޖެއަށް އަދި ލިބިފައެއް ނުވެ އެވެ. އެހެންކަމުން ސާމްޕަލްތައް ފޮނުވަން ޖެހެނީ އިންޑިއާ އަށެވެ. އެތަނުން ހަދާ ޓެސްޓްތަކުގެ ނަތީޖާ ލިބެން 48 ގަޑިއިރު ނަގަ އެވެ.
ޗަައިނާގެ ވޫހާން ސިޓީން ފެތެރެއން ފެށި ވައިރަހަށް މިހާތަނަށް 17،205 މީހުން ޕޮސިޓިވްވެ، އޭގެތެރެއިން 361 މީހުން ވަނީ މަރުވެފަ އެވެ.
ވޫހާން އާއި އެ ސިޓީގައި ޖެހިގެން އޮތް އެހެން ބައެއް ސިޓީތައް ޗައިނާ ސަރުކާރުން ވަނީ ކަރަންޓީންކޮށްފަ އެވެ. އެކަމަކު އަދިވެސް ވައިރަސް ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.
ރާއްޖެއިން އެ ވައިރަހުގެ މީހަކު އަދި ނެފެނުނަސް މިހާރު ވެސް އިގުތިސާދަށް ވަނީ އަސަރުކުރަން ފަށައިފަ އެވެ. ރައީސް ވިދާޅުވީ އެ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުން ވެސް ބޮޑު ކަމަށެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވާތީކަން ރައީސް ފާހަގަކުރެއްވި އެވެ.
"މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން މިއަންނަނީ އަޅަމުން،" އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އިއްޔެގެ ނިޔަލަށް، ޓޫރިޒަމްގެ 13،287 ބުކިންސް ވަނީ ކެންސަލްކޮށްފަ އެވެ. އެކަމުން ލިބޭ ގެއްލުން ފޫބައްދަން ފަތުރުވެރިކަން އިޝްތިހާރުކުރަން މި އަހަރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.