ފުއްޕާހަމާއި އެކި ކަހަލަ ކަރުދާސް ބޭނުންކޮށްގެން ސްކޫލުތައް މިއަދު ވަނީ ޒީނަތްތެރިކޮށްފަ އެވެ. ސަޕްރައިޒްތަކާއި ޕާޓީތައް ދެމުން އަންނައިރު ޓީޗަރުންނަށް ޗޮކުލެޓާއި މާބޮނޑި ފަތަ ތަކެތި ހަދިޔާ ކުރަމުންދިޔަ އެވެ. ހުރިހާ ޓީޗަރުންގެ މޫނު މަތިން ވެސް ފެނިގެން ދިޔައީ އުފާވެރި ކަމެވެ. މިއަދަކީ ޓީޗަރުންގެ ދުވަސް ކަމުގައި ވިއަސް ބައެއް ސްކޫލުތަކުގައި މިހަފުތާގެ ބައެއް ދުވަސްތައް ހާއްސަކޮށްފައިވަނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށެވެ.
ޓީޗަރުން ބައިވެރިކޮށްގެން ފެޝަން ޝޯތަކާއި ފަން ޓްރިޕްތަކާއި ތަފާތު އެކި ގޭމްތައް ބާއްވާފައި ވެ އެވެ.
ފެހި ކުލައިގެ ހެދުމުގައި އިސްކަންދަރު ސްކޫލުގެ ޓީޗަރުން މިއަދު ސްކޫލަށް ދިޔުމުން އެ ޓީޗަރުންނަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ އެ ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދެވެ. އެއަށްފަހު ޓީޗަރުންނަށް ހާއްސަކޮށްގެން އެ ސްކޫލުގައި ހެނދުނުގެ ނާސްތާއެއް ބޭއްވި އެވެ. މުޅި އިސްކަންދަރު ސްކޫލުތެރެ ކަނޑުއަޑީގެ ތީމަށް ޒީނަތްތެރިކޮށްފައި ވަނީ އެ ސްކޫލުގެ ޕީޓީއޭ އިންނެވެ.
ދެހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ސައީދު ވިދާޅުވީ ޓީޗަރުންގެ ދުވަހަކީ ވަރަށް ހާއްސަ ކަމެއް ދުވަހެއް ކަމަށާއި ޓީޗަރުންނަކީ ގައުމު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން އަންނަ ބައެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި އެމީހުންގެ ހިދުމަތްތަކަކަކީ އަގުވަޒަން ކުރެވޭ ވަރަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ.
ސައީދު ވިދާޅުވީ ޓީޗަރުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަކީ އެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ދަރިވަރުންނާއެކު ޓީޗަރުންގެ ދުވަސް ފާހަގަކުރަން ހުރި އިސްކަންދަރު ސްކޫލުގެ ޓީޗަރަކު ވެސް ބުނީ މިއަދު ކުރެވޭ އިހުސާސްތައް ވަރަށް ތަފާތު ކަމަށާއި ދަރިވަރުން، އެމީހުން ދެކެ ވާ ލޯބިން ފެނުމުން ވަރަށް އުފާކުރާ ކަމަށެވެ.
"ވަރަށް ތަފާތުކޮށް މިއަދު އިހުސާސް ކުރެވެނީ. އަޅުގަނޑުމެންްނާ މެދު ދަރިވަރުން ދެކެމުން އަންނަގޮތް މިއަދު ވަރަށް ރަނގަޅަށް އަންގައިދޭ. މިއީ ބުރަ ދާއިރާއެއް. އެކަމަކު ދަރިވަރުންގެ ފަރާތުން ލިބެމުން އަންނަ ލޯބިން މި ދާއިރާގައި މި ހުރެވެނީ،" އިސްކަންދަރު ސްކޫލުގެ ޓީޗަރަކު ބުންޏެވެ.
އިސްކަންދަރު ސްކޫލުގައި ވެސް ދަރިވަރުން ވަނީ ޓީޗަރުންނަށް މާބޮނޑިއާ ތަފާތު އެކި ގިފްޓުތައް ޕާރުސަލްކޮށްގެން ހަދިޔާކޮށްފަ އެވެ. ޕިއްޒާ އާއި ކޭކާއި ހެދިކާ ފަދަ ކާތަކެތި ގެނެސް ކްލާސްތަކުގައި ޕާޓީ ބާއްވާފައި ވެ އެވެ.
ޓީޗަރުންގެ ދުވަހަކީ ބެލެނިވެރިންނާއި ދަރިވަރުން އެކަމަކަށް އެންމެ ތައްޔާރުވަމުން އަންނަ އެއް ދުވަހެވެ. ޓީޗަރުންނަށް ހަދިޔާ ގަންނަން މާލޭގެ މާ ފިހާރަތަކާއި ކަރުދާސް ވިއްކާ ބައެއް ފިހާރަތައް ފުރި ބާރުވެފައިވާއިރު ބައެއް ފިހާރަތަކުން މާ ފަދަ ތަކެތި ވަނީ ހުސް ވެސް ވެފަ އެވެ.
ހިރިޔާ ސްކޫލުގެ ޓީޗަރުން އެ ސްކޫލަށް މިއަދު ދިޔައީ، ސްކޫލުގެ ބޭންޑު ފަހަތުންނެވެ. ސްކޫލުތެރެ ޒީނަތްތެރިކޮށްފައި ވަނީ ރަތް ހިތުންނެވެ.
ހިރިޔާ ސްކޫލުގެ ދަރިވަރަކު ވެސް ބުނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ އެ މީހުންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައި ދެކޭ ކަމަށެވެ.