މާލޭގައި މިއަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
އެއްދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލުން 200 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފަ އެވެ. ސްކޫލުގައި ފުރަތަމަ ކިޔެވުން ފަށާނީ ގްރޭޑު 1-6 އަށެވެ. ނަމަވެސް ކޮންމެ އަހަރަކު އާ ގްރޭޑެއް ތައާރަފް ކުރަމުން ގޮސް ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެ ސްކޫލު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި ގޮތުގައި އިއްޒުއްދީން ސްކޫލުގެ ނަން ނިސްބަތްވަނީ ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.
ކުރީގެ އެމްއީއެސް އިމާރާތުގައި ހެދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިއްޒުއްދީން ސްކޫލަކީ، ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި މި ސަރަހައްދުގައި ވަރުގަދަ ސްކޫލަކަށް ވެގެންދާނެ ކަމަށެވެ.