ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރި، ލޮލުގެ ސެންޓަރުގައި ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި ފުރަތަމަ ދުވަހު އެކަނި ވެސް 30 އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނުރަސްމީކޮށް އެ ސެންޓަރުގެ ހިދުމަތް އިއްޔެ ނުރަސްމީކޮށް ފަށައި ފަރުވާ ދޭން ފަށާފައިވާ ކަމަށް، އެތަނުގައި އިސްވެ މަސައްކަތް ކުރައްވާ ޑރ. ޗެން ވެއިރޮންގްގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި ފުރަތަމަ ދުވަހުގެ 30 އޮޕަރޭޝަން ވެސް ކާމިޔާބު ކަމަށް ސަފީރު ވިދާޅުވި އެވެ.
ޑރ. ޗެން ވެއިރޮންގް އަކީ މިދިޔަ 30 އަހަރު، ލޮލުގެ ފަރުވާ ދިނުމުގައި މަސަައްކަތް ކުރައްވާފައިވާ އަދި އެ ދާއިރާގެ މަޝްހޫރު ޑޮކްޓަރެކެވެ. ލޮލުގެ 100،000 އަށް ވުރެ ގިނަ އޮޕަރޭޝަން އޭނާ ވަނީ ކޮށްފައި ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެ އެވެ.
ޒާން ވިދާޅުވި ގޮތުގައި، ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރި މަރުކަޒުން ލޮލުގެ ގިނަ ބަަލިތަކަކަށް ފަރުވާދޭނެ އެވެ. އެގޮތުން ލޯ ފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ މައްސަލަތަކަށް އެ މަރުކަޒުން ފަރުވާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި، ލޮލުގެ ސެންޓަރުގައި، ޗައިނާގެ މާހިރުން ދުވަސްކޮޅަކު އެތަނުގައި މަސައްކަތް ކުރަން ތިބޭނެ އެވެ. އެ ސެންޓަރުގެ ފަރާތުން ރާއްޖޭގައި ވެސް ބައެއް ތަމްރީނުތައް ކުރިއަށް ގެންދާނެ އެވެ. އަނެއްބައި ތަމްރީނުތައް ކުރިއަށް ގެންދާނީ ޗައިނާގައި ހުންނަ ޒޮންޝާން އައި ސެންޓަރުގައި ކަމަށް ސަފީރު ވިދާޅުވެފައި ވެ އެވެ.
ސެންޓަރުގައި ފަރުވާ ދިނުމާއި އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގަައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ވެސް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.