ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީއާ ގުޅިގެން ވޯގް އަރަބިއާ އިން އެ މަޖައްލާގެ ހާއްސަ އެޑިޝަނެއް ނެރެފި އެވެ.

މި އެޑިޝަންގެ ކަވަ ފޮޓޯ ވޯގް އަރަބިއާގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާއިރު އެ ފޮޓޯއިން ފެންނަނީ ކުވައިތަށް ނިސްބަތްވާ އަރަބި ބަތަލާ ހާޔާ އަބްދުލްސަލަމް ރާއްޖޭގެ ގޮނޑުދޮށުގައި އޮށޯވެގެން އޮންނަ މަންޒަރެވެ. އެ މަންޒަރަކީ ޕުލްމެން މޯލްޑިވްސް ރިސޯޓުގައި ނަގާފައިވާ ފޮޓޯއެކެވެ. މި މެގަޒިންގައި އޭނާ ރާއްޖޭގައި ކުރި ތަޖުރިބާ ވަނީ ހިއްސާކޮށްފަ އެވެ.

މި މަޖައްލާގައި ދިވެހި ހުނަރުވެރިންގެ ވާހަކަތައް ވެސް ގެނެސްދީފައިވެ އެވެ. "ވޯގް އަރަބިއާ" ގައި "ފޭސެސް އޮފް ދަ މޯލްޑިވްސް: އިވްރިޑޭ ހީރޯސް އޮފް ދި އައިލެންޑް ނޭޝަން ޝެއާ ދެއާ ސްޓޯރީޒް" ގެ ނަމުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ 8 ފަންނާނެއްގެ ވާހަކަ ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަޝްހޫރު މިއުޒިޝަން މުހައްމަދު ޝިއުޒް އާއި ފެޝަން ޑިޒައިނަރު އައިޝަތު ޝަމްލާ އާއި ޑައިވިން އިންސްޓްރަކްޓަރު އަދި އިކޯ-ވޮރިއާ ޝާޒިޔާ ސައިދާއި ފޮޓޯގްރާފަރު އައިޝަތު ނަޖް އާއި ޝެފް އަހުމަދު ފަތީނާއި ޒުވާބް ވިޔަފާވެރިން ކަމަށްވާ އަހުމަދު ރިޔާޒާއި މުހައްމަދު ފަޔާޒްގެ އިތުރުން މެރީން ކޮންޒަވޭޝަނިސްޓް އިރޫ ޒަރީރެވެ.

މި ފަންނާނުންތައް ވަނީ އެ މީހުންގެ ދާއިރާގެ ވާހަކަތާއި ތަޖުރިބާތައް "ވޯގް އަރަބިއާ" އަށް ކިޔައި ދީފަ އެވެ. ކޮންމެ ފަންނާނެއްގެ ވާހަކަ ގެނެސްދީފައި ވަނީ އެ މީހުންގެ ފޮޓޯތަކާ ވެސް އެކީގަ އެވެ.

މިއީ މެދުއިރުމަތީގެ މަތީފަންތީގެ މީހުންނަށް ހާއްސަކޮށްގެން ނެރޭ މަޖައްލާއަކަށް ވާއިރު އޭގައި ހިމަނާފައި ވަނީ ވެސް ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމަށް ހާއްސަ މައުލޫމާތެވެ. މީގެ އިތުރުން ރާއްޖެ އިން އެކަނި ތަޖުރިބާ ކުރެވޭނެ ކަންތައްތައްކާއި ޑައިވިން އާއި ރާއްޖޭގެ ސަގާފަތުގެ މައުލޫމާތު ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއީ މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރުމަށް ރާއްޖެ އަށް ހާއްސަ މެގަޒިނެއް ނެރުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މެދުއިރުމައްޗަކީ މަދުން ޓޫރިސްޓުން އައި ނަމަވެސް ބޮޑު އާމްދަނީއެއް ލިބޭ މާކެޓަކަށް ވުމުން އެ ގައުމުގައި ލަގްޒަރީ ޓޫރިޒަމް އިޝްތިހާރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ވޯގް އަރަބިއާ އަކީ މެދުއިރުމަތީގެ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް މެގަޒިން އެވެ. އެ މެގަޒިންގައި ރާއްޖެ އިޝްތިހާރުކުރުމުން އެ ސަރަހައްދުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. އެމްއެމްޕީއާރުސީން އަންނަނީ އެ ސަރަހައްދުގައި ރާއްޖެ އިޝްތިހާރުކުރަން އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވަމުންނެވެ.