އުތުރުގެ ތިން ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ހއ. މޮޅަދު އާއި އެ އަތޮޅު ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުއްޓަށް ނައިބު ރައީސް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ހއ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ބައިވެެރިވެވަޑައިގަންނަވަ އެވެ.
މިއަދު ހެނދުނު މޮޅަދުއަށް ވަޑައިގެން އެ ރަށު ފުޓްސަލް ދަނޑު ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަށްފަހު އެ ރަށުގައި ކުޑަކުދިންގެ ޕާކެއްގެ ބިންގާ އަޅުއްވައި ދެއްވައި އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ.
މިއަދު މެންދުރު އެ އަތޮޅު ދިއްދު އަށް ވަޑައިގެން ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލާ ބައްދަލު ކުކުރައްވާނެ އެވެ. އަދި ދިއްދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭ ދިއްދޫގައި ބާއްވާ ތިލައުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފް ވެރިކޮށްދެއްވާނީ ވެސް ނައިބު ރައީސެވެ.
މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލު ކުރައްވާނެ އެވެ. އަދި އެ ރަށު ހޮސްޕިޓަލަށް ވެސް ނައިބު ރައީސް ޒިޔާރަތް ކުރައްވާނެ އެވެ.
މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ ހަވީރެވެ.
އަތޮޅު ތެރޭ ހާލަތު ބައްލަވާލެއްވުމަށް ދޭތެރެ ދޭތެރެއިން ނައިބު ރައީސް ރަށްތަކަށް ދަތުރު ކުރައްވަ އެވެ. އެ ދަތުރުތަކުގައި ރައްޔިތުން އެދޭ ކަންކަން ބައްލަވައި ބަޖެޓުގައި އެކަންކަން އަންނަނީ ހިމަނުއްވަމުންނެވެ.