ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުގެ ވޯޓުލުން ދެންމެ ފަށައިފި އެވެ.
އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. މިއީ އެމަނިކުފާނު އެ މަގާމަށް ވާދަކުރައްވާ ދެ ވަނަ ފަހަރެވެ.
އެންމެ ވާދަވެރި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ވެސް އެ މަގާމު ފުރުއްވާ މުހައްމަދު ޝިފާޒާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޒަކީ ރައީސް އޮފީހުގެ މިނިސްޓަރެވެ. އަސްލަމަކީ މީގެ 14 އަހަރު ކުރިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަދި ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވައިފަ އެވެ.
އެމްޑީިން ބުނެފައިވާ ގޮތުގައި، މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 87,439 މީހުންނަށް ލިބެ އެވެ. ވޯޓުލުން ކުރިއަށް ގެންދާނީ މެންދުރު 2:00 ން ހަވީރު 6:00 އަށެވެ.
މާލޭގެ ރައްޔިތުން ވޯޓުލުން އޮތީ އިސްކަންދަރު ސްކޫލްގަ އެވެ. އަދި ދާއިރާތައް، މަތި އުތުރު ޕްރޮވިންސާއި އުތުރު ޕްރޮވިންސާއި މެދު އުތުރު ޕްރޮވިންސާއި މެދު ޕްރޮވިންސާއި މެދު ދެކުނު ޕްރޮވިންސްގެ އިތުރުން މަތި ދެކުނު ޕްރޮވިންސްތަކަށް ބަހާލާފައިވާއިރު، އެ ސަރަހައްދުތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން މާލޭގައި އުޅޭ މީހުން ވެސް ވޯޓުލާނީ އިސްކަންދަރު ސްކޫލުގަ އެވެ.
މާލޭގައި ދިރިއުޅޭ އައްޑޫ، ފުވައްމުލަކުގެ މީހުންނަށް ޚާއްސަ ވޯޓުފޮށި ހުންނާނީ އެމްޑީޕީ ހަރުގޭގަ އެވެ. ހުޅުމާލޭގައި އުޅޭ މީހުން ވޯޓުލާން ދާން ޖެހެނީ އެ އަވަށު ޣާޒީ ސްކޫލަށެވެ. ވިލިމާލޭގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އެ އަވަށުގައި ހުންނަ އެމްޑީޕީގެ ހަރުގޭގަ އެވެ.
މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެހެން ރަށްރަށުގެ ވޯޓ ފޮށި ހުންނާނީ އެ ރަށެއްގައި ހިންގާ އެމްޑީޕީގެ ހަރުގޭގައި ކަމަށް އެ ޕާޓީން ބުނެ އެވެ.
ރާއްޖެ އިން ބޭރުން ވޯޓު ފޮށި ބަހައްޓާފައި ވަނީ ސްރީ ލަންކާގައި އެކަންޏެވެ.