އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، އެ ސިޓީގެ ރައްޔިތުން ސިއްހީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާތީ، ހޮލީވުޑްގެ މަޝްހޫރު ތަރި އަދި ތިމާވެއްޓަށް މަސައްކަތްކުރާ އެކްޓިވިސްޓް ލިއޮނާޑޯ ޑި ކެޕްރިއޯ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވައި ތަޣައްޔަރުވަމުންދާ މައްސަލާގައި ދިއްލީގެ އިންޑިއާ ގޭޓް ކައިރި އަށް އެއްވެ އަޑުއުލުފި ބައެއްގެ މަންޒަރުތައް ފެންނަ ފޮޓޯތަކަކާ އެކު ލިއޮނާޑޯ އިންސްޓަގްރާމްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަންދާޒާކުރާ ގޮތުގައި ވައި ތަޣައްޔަރުވުމާ ގުޅިގެން ކުރިމަތިވާ ސިއްހީ މައްސަލަތަކުގައި އިންޑިއާ އިން އަހަރަކު 1.5 މިލިއަން މީހުން މަރުވާ ކަމަށެވެ. "ޓައިޓޭނިކް" އިން ވިދައިލި އެކްޓަރު ބުނީ މިއީ އެ ގައުމުގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބު ކަމަށް ވާތީ، ވައި ތަޣައްޔަރުވުމާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ބުންޏެވެ.

ލިއޮނާޑޯ ފާހަގަކުރި ގޮތުގައި އިންޑިއާގެ ހުރިހާ އުމުރުފުރައެއްގެ މީހުން މި މައްސަލާގައި އަޑު އުފުލާ ނަމަ ނަތީޖާތަކެއް ފެންނަން ފަށާނެ އެވެ. އެގޮތުން ދިއްލީގެ ރައްޔިތުންތަކެއް ކުރި ހަޅުތާލާ ގުޅިގެން ހަތަރު ކަމެއް ފާހަގަކުރެވުނު ކަމަށް ބުންޏެވެ.

އޭގެ ތެރޭގައި ވައި ތަޣައްޔަރުވާ މައްސަލާގައި ފިޔަވަޅުތަކެއް އެޅުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ހާއްސަ ޕެނެލެއް އެކުލަވައިލުމާއި ކުނިބުނި އެންދުން އިންޑިއާގައި ހުއްޓުވަން ސުޕްރީމް ކޯޓުން އަމުރުކުރުމާއި ގްރީންފަންޑުން، ވައި ތަޣައްޔަރުވާ މައްސަލައާ ދެކޮޅަށް މަސައްކަތްކުރުމާއި ދަނޑުވެރިންނަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދީ، ދަނޑުތަކުން އަންދާ އެންދުން ހުއްޓުވުމަށް ބޮޑުވަޒީރު ނިންމެވުން ހިމެނެ އެވެ.

ނަމަވެސް މިކަންކަމުގެ ވައުދުތަކާ އެކު ވެސް ދިއްލީގެ ހާލަތަށް އެކަށީގެންވާ ބަދަލެއް ނާންނާތީ އެކްޓިވިސްޓުން އުފުލާ އަޑުތައް ހުއްޓައިނުލުމަށާއި ކަމާބެހޭ ފަރާތްތަކަށް ޕްރެޝަރުކުރުމަށް ލިއޮނާޑޯ ގޮވާލާފައިވެ އެވެ.