ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ސަރުކާރު ހިންގުމާ ހަވާލުވެ ވަޑައިގަތުމަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ އެން ހިފަން ފީނާ މަސްވެރިން، ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވުން އިތުރުވާތީ އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައެއްގައި ސަރުކާރަށް ފާޑު ވިދާޅުވުމަށް ފަހުގަ އެވެ.
ޖާބިރު ވިދާޅުވީ މިސަރުކާރުން މިނިސްޓްރީތަކަށް ދޭންޖެހޭ ބާރުތައް ދީފައިނުވާ ކަމަށެވެ. އިތުބާރު ނުކުރެވޭ މިނިސްޓަރުން ތިއްބެވި ނަމަ އިތުބާރު ކުރެވޭ ބަޔަކު މިނިސްޓްރީތަކަށް ގެނެސް އެ މިނިސްޓްރީއެއްގެ ބާރު އެ މިނިސްޓްރީއަކަށް ދޭންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. މި ވާހަކަތަކަށް ފަހު ޖާބިރު ވިދާޅުވީ ދެން މަޖިލީހަށް ހުށަހަޅުއްވާނީ ބަރުލަމާނީ ނިޒާމެއް ގެންނަން ކަމަށެވެ.
"ރާއްޖެ ހިގަންވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭންގެންޏާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މި މަޖިލިސް މެދުވެރިކޮށްގެން ބަރުލަމާނީ ނިޒާމެއް ގެނެސްގެން ރާއްޖެ ހިންގުމާ ހަވާލުވާން ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ،" ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވި އެވެ.
"ދެން ހުށަހަޅާނީ އެ[ބަރުލަމާނީ ނިޒާމް ގެނައުމުގެ] މައްސަލަ މިތަނަށް"
އެހެން ވިދާޅުވި ހިސާބުން ބަހުސްގައި އޭނާ އަށް ލިބިފައިވާ ވަގުތު ހަމަވުމުން އިތުރު އެއްޗެއް ވިދާޅެއްނުވެ ވުނެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އޭރު ވެސް އެމްޑީޕީން ބޭނުންވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ހިންގާށެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.