އަންނަ މަހުން ފެށިގެން ކުރާ ރީލޯޑާއި ރާސްޓަސްތަކުން އެކައުންޓަށް ޖަމާ ވާނީ ޖީއެސްޓީ އަށް ވާ އަދަދު އުނި ކުރުމަށް ފަހު ކަމަށް މީރާއިން ބުނެފި އެވެ.
މިހާރު ރީލޯޑު އަދި ރާސްޓަސް އިން ޖީއެސްޓީ ނަގަނީ ރީލޯޑު ނުވަތަ ރާސްޓަސް ކުރާ އަދަދުގެ މައްޗަށް ޖީއެސްޓީގެ އަދަދު ވަކިން އިތުރު ކޮށްފަ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ގެންނަ ބަދަލާ އެކު ކަސްޓަމަރުން އިތުރަށް ޖީއެސްޓީ ދެއްކުމުގެ ބަދަލުގައި އެކައުންޓަށް ފައިސާ ޖަމާ ވާނީ ކަސްޓަަމަރު ދައްކާ އަދަދުން ޖީއެސްޓީގެ އަދަދު އުނިކޮށްފައި ކަމަށެވެ.
"މި ބަދަލާ ގުޅިގެން ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ދިމާވާ ވަކިލާރީގެ މައްސަލަ އަށް ހައްލެއް ލިބި ޕްރިޕެއިޑް ކަސްޓަަރުންނަށް ރީޗާޖު ކުރުމުގައި ފަސޭހަ ވެގެން ދާނެ،" އެ ބަޔާނުގައި ވެ އެވެ.
މިރާ އިން އިތުރަށް ބުނީ މި ބަދަލާ ގުޅިގެން އާންމުންނާއި ވިިޔަފާރިކުރާ ފަރާތްތަކުން ހޭލުންތެރި ކުރުމަށް އެ ފަރާތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
މުވާސަލާތީ ހިދުމަތްތަކަށް ޖީއެސްޓީ ނަގަން ފެށީ 2014 މެއި މަހުން ފެށިގެން، ޖީއެސްޓީ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ދަށުންނެވެ.