ގައުމުގައި ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް އިސްލާމްދީން ނުހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފި އެވެ.
މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިސްލާމްދީނަށާާއި ރަސޫލާ އަށް ފުރައްސާރަކުރުމާއި ދީނުގެ ނަމުގައި ހަރުކަށިކަން އިސްކުރުމަކީ އިއްޔެ އަކު މިއަދަކު ފެށުނު ކަމެއް ނޫން ކަމަށެވެ. މި ކަންކަމާ ދެކޮޅަށް ޝުއޫރުފާޅުކުރަމުންދާ ސިޔާސީ ފަރާތްތަކުން އޭރު ތިބީ ލޯމަރާލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެކަމަކު އެމަނިކުފާނުގެ ސަރުކާރުން އެގޮތަށް އަމަލު ނުކުރާނެ ކަމަށާއި އިސްލާމްދީނުގެ ދިފާއުގައި ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އިދިކޮޅުން އަޑު އުފުލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލައިގައި ދީނީ އިލްމުވެރިންގެ ހިތްހަމަނުޖެހުންތަކެއް ހުރިއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސިލްސިލާކޮށް އަޑުއުފުލަން އެއްވުންތައް ބާއްވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރަން އެމަނިކުފާނުގެ ސަރުކާރުން ފުރުސަތެއް ނުދޭނެ އެވެ. ހަމައެފަދައިން އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވާން ވެސް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މިއީ، އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަންކަމެއް ނޫން. މިއީ މީގެ އެތައް އަހަރެއް ކުރިން ފެށުނު ކަމެއް. މިއަދު އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، މިއަދު މި ކަންކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ގެންދަވާ ސިޔާސީ ބޭފުޅުން އެ ދުވަހު ކޮބައިތޯ؟
ރައީސް ވިދާޅުވި ގޮތުގައި އޭރު އެއްވެސް ފިޔަވަޅެއް ނާޅައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައްވައި އިހުތިޖާޖް ކުރަން ފެއްޓެވުމުން އެ ބޭފުޅުންގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދެ އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ހިތްތަކުގައި ބިންވަޅު ނެގިފައިވާ އަގީދާ ވަކިކޮށްލެވޭވަރަށް ވުރެން އަޅުގަނޑުމެންގެ އީމާންތެރިކަން މާ ވަރުގަދަ އެވެ. ކުރީގެ ސަރުކާރުން ފިޔަވަޅު ނޭޅި ނަމަވެސް އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަކު އަނެކަކަށް ރަނގަޅު ގޮތް ވިސްނައިދީ، ކަންކަން އޮޅުންފިލުވައިދީގެން މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ދިވެހިން ވާން ޖެހޭނެ ކަމަށާއި އެކަމަށް ގާބިލް އިލްމުވެރިން ރާއްޖޭގައި އެބަތި ކަމަށެވެ.
"ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާށޭ. އިސްލާމީ އަގީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާ ފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.
އުފާވެރިކަމާ އެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ ދިވެހިންނަށް ނެތް ހައްގެއްތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.
އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އަހާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް، ހަމަޖެހިލައިގެން އުޅެން ފުރުޞަތު ދެއްވާކަށް ނުވޭތޯއޭ؟
މުޖުތަމައުގެ މަސްލަހަތު ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށާއި ގައުމު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް އަދި ގައުމިއްޔަތު ދެމެހެއްޓޭނީ ވެސް ގުޅިގެން ކުރާ މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމީ ދުވަސް ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ގިނަ މެމްބަރުން އަދި މިނިސްޓަރުންނާއި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިން ބައިވެރިވަޑައިގެންނެވި އެވެ.