ރައްޔިތުންގެ މަޖިލިހުގައި ހިނގާ ބަހުސްތަކުގައި މާލެ އާއި އެހެން ރަށްތައް ތަފާތު ކުރުމަކީ ވަރަށް ނޭދެވޭ ކަމެއް ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުން ހަރުދަނާ ކުރުމާއި ބޯހިޔާވަހިކަން ހޯދައި ދިނުމަށް ގޮވާލާ މަޖިލިހަށް ހުށަހަޅާފައިވާ ގަރާރުތަކާ ގުޅިގެން މެމްބަރުންގެ މެދުގައި އެންމެ ބޮޑަށް ހިނގި ބަހުސަކީ މާލެ އާއި އެހެން ރަށްތަކާ ދެމެދުގައި ތަފާތު ކުރުން ގެންގުޅޭ މައްސަލަ އެވެ.
ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ބޯހިޔާވަހިކަން އެންމެ ބޮޑަށް ހައްގީ މާލޭގެ މީހުންނަށެވެ. އެކަމަކު އެހެން ބައެއް މެމްބަރުންގެ ނަޒަރުގައި ބޯހިޔާވަހިކަން ހައްގީ ރަށްރަށުގައި އުޅޭ މީހުންނަށެވެ. މި މައްސަލައިގައި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ހޫނު ޒުވާބުތަކެއް ހިނގައިފަ އެވެ.
މެމްބަރުންގެ މެދުގައި އެ ބަހުސް ހޫނުވެފައި އޮއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މާލެ އާއި ރަށްރަށް ތަފާތުކޮށް، ވާހަކާ ދެއްކުމާއި ޖުމްލަކޮށް ވަކި އާބާދީއަކަށް ނިސްބަތްކޮށް ކުޑައިމީސް ބަހެއް ބުނުމަކީ ވަރަށް ނޭދެވޭ ކަމެއް ކަމަށެވެ. ނަޝީދު ސިފަ ކުރެއްވީ އެއީ "ނޭދެވޭ" ވާހަކަތަކެއްގެ ގޮތުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ ނޭދެވޭ ވާހަކަތައް މަޖިލީހުގައި ގިނައިން ދެއްކުމާ މެދު، ޒިންމާދާރު ވާންޖެހޭ ކަމަށާއި އެއީ ހިފަހައްޓަން ޖެހޭ އަޚުލާގެއް ކަމަށެވެ. މަޖިލިހުގެ މެމްބަރުންނަކީ ރާއްޖޭގެ މަސްލަހަތަށް މަސައްކަތް ކުރައްވާ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނުއަސާސީގެ ދަށުން ވަކި ދާއިރާއެއްގެ ވާހަކަ ހަގީގަތުގައި މިތަނުގައި ދެއްކުމެއް ވެސް ނޯވޭ. ވަކި ދާއިރާތަކުން މެމްބަރުން ހޮވިވަޑައިގެން މިތަނުގައި ތިއްބެވި ނަމަވެސް މެމްބަރުންގެ ވިސްނުން އޮންނަން ޖެހޭނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަންފާ އާއި ލާބަ އަށް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގައި އަދި އެހެން ރަށެއްގައި ދިރިއުޅުނަސް، ދިވެހި ރައްޔިތުން ވާނީ ހަމަ ދިވެހި ރައްޔިތުންނަށެވެ. މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ދީފައި ހުރީ އެއް ހައްގުތަކަކާއި މިނިވަން ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގައި ސާބިތުވެ ހިފަހައްޓައިގެން ތިބި ބަޔަކަށްވީ އިރު، ދިވެހިން ތަބާވާން ޖެހޭނީ ގާނޫނީ ހުކޫމަތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.