އިންޑިއާގެ ސެލެބްރިޓީންނާ ބައްދަލުކުރައްވައި ފޮޓޯ ނެންގެވުމަކީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް އާ ކަމެއް ނޫނެވެ. ވަޒީރަކަށް ވެވަޑައިގަތުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު ވެސް އޭނާ ވަނީ ބޮލީވުޑްގެ ގިނަ ތަރިންނާ އެކު ފޮޓޯ ނަންގަވައި ސޯޝަލް މީޑިއާ އަށް ދޫކޮށްލައްވައިފަ އެވެ.
ހިތްހަމަނުޖެހުނު ބަޔަކު ތިބި ނަމަވެސް އޭރު މާބޮޑު ފާޑުކިއުމެއް އަމާޒެއް ނުވެ އެވެ. އެކަމަކު ސެލެބްރިޓީންނާ އެކު މި ފަހުން މިނިސްޓަރު ފޭސްބުކާއި ޓުވިޓާގައި އާއްމު ކުރެއްވި ފޮޓޯތަކާ މެދު ނުރުހުންވެ ފާޑުކިއާފައިވެ އެވެ.
މިނިސްޓަރު ޒިންމާ އަދާނުކުރައްވައި ފެންނަނީ އަމިއްލަ ކަންކަމުގައި ބިޒީކޮށް އުޅުއްވާ މަންޒަރު ކަމަށް އެއް ބަޔަކު ބުނެފައިވެ އެވެ.
މަހުލޫފް ވިދާޅުވީ އިންޑިއާގެ ދަތުރަކީ އަމިއްލަ އަށް ހަރަދުކޮށްގެން ކުރެއްވި ދަތުރެއް ކަމަށާއި އެކަމަށް ކީ ފާޑުކިޔުންތަކުން ފެނުނީ ހަސަދަ އާއި ނަފުރަތު ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމުތަކަށް ކުރައްވާ ދަތުރުތަކުގައި ލީޑަރުންނާއި އެތުލީޓުންނާއި އާޓިސްޓުންނާ ބައްދަލުކޮށް އެ މީހުންނާ ވާހަކަ ދެއްކުމަކީ އެ މީހުން އެ ހިސާބަށް ދާން ކުރި ބުރަ މަސައްކަތާއި ގުރުބާނީން އެއްޗެހިތަކެއް ދަސްވާން ލިބިވަޑައިގަންނަވާ ފުރުސަތެއް ކަމަށެވެ.
މަހުލޫފް މި ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުގެ ތެރެއިން އެކްޓަރު އަމީތާބް ބައްޗަން އާއި ސުނިލް ޝެޓީ އާއި ކޮމެޑީ އެކްޓަރު ޖޯނީ ލީވާ އާއި ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ހޯސްޓް ކަޕިލް އާއި އެ ޝޯގެ ބައިވެރިއެއް ކަމަށްވާ ކޮމީޑީއަން/އެކްޓަރު ކުރުންޝާ އަބީޝެކާއި ޖޯނީގެ ދަރިފުޅު އަދި ކޮމީޑިއަން ޖެމީ ލީވާއާ ބައްދަލުކޮށް ފޮޓޯ ނަންގަވައި ޓްވީޓް ކުރައްވާފައިވެ އެވެ.
އަމީތާބާ އެކު ނެންގެވި ފޮޓޯގެ ޓްވީޓްގައި މަހްލޫފް ވިދާޅުވީ އިންޑިއާގެ ރިއަލިޓީ ޝޯތައް ރާއްޖެ އަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ސުނިލް ޝެޓީއާ އެކު ނެންގެވި ފޮޓޯއާ އެކު ވިދާޅުވީ ރާއްޖޭގައި ސިއްހަތާއި ފިޓްނެސް ދާއިރާއަށް ސުނިލް އެހީ ހޯދިދާނެ ކަމަށެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން އިންޑިއާގެ އެކިއެކި ސެލެބްރިޓީންނާ ބައްދަލުކުރެއްވުމުގެ އިތުރުން އައިފާ އެވޯޑްގައި ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.