ޑާކް ރެއިން އެންޓަޓައިންމަންޓްގެ އެންމެ ފެވަރިޓް ދެ ތަރިން ކަމަށްވާ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް މަޖުދާ (މަޖޫ) ލީޑްރޯލް ކުޅޭ ލޯބީގެ ފިލްމު "ނޮވެމްބާ" ގެ ޝޫޓިން ފަށައިފި އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ކޮމެޑީ ފިލްމު "މާމުއި" ގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. "ނޮވެމްބާ" އަކީ "މާމުއި" ގެ ވެސް ސްކްރީންޕްލޭ ލިޔުނު ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އަދި ޑައިރެކްޓަރު އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
ޑާކް ރެއިނުން ވަރަށް ބޮޑު ފިލްމެއްގެ ގޮތުގައި ސިފަކުރާ "ނޮވެމްބާ" ގެ މަންޒަރުތަކެއް ސިންގަޕޫރްގައި ވެސް ނަގަން ހަމަޖެހިފައިވާ އިރު، އެ ގައުމުގައި ދިރިއުޅޭ ރާއްޖޭގެ ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއިލް ވަޖީހު ވެސް ފިލްމުން ފެންނާނެ އެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ޑައިރެކްޓަރު ޗިއްޕެގެ އަންހެނުން އަދި "މާމުއި" ގައި ވެސް ރޯލެއް ކުޅުނު އައިޝަތު ޔާދާ އާއި ބައިސްކޯފުން ދާދި ފަހުން ނިންމައިލި ވެބް ސީރީޒް "އެހެނަސް" އިން ތައާރަފުވި ބަތަލާ ސިލްނާ ވެސް ހިމެނެ އެވެ.
މީގެ އިތުރުން ވެސް ފިލްމުން ގިނަ ތަރިންތަކެއް ފެންނާނެ އެވެ.
"ނޮވެމްބާ" ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަމު ފިލްމު އަޅުވާނީ އަންނަ އަހަރު އެވެ.
މި ފިލްމުގެ އިތުރުން ޑާކް ރެއިނުން އަންނަނީ "ބަޅިނދު" ކިޔާ ބިރުވެރި ފިލްމެއްގެ މަސައްކަތް ވެސް މިހާރު ކުރަމުންނެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ މި އަހަރު "ގޮށްރާޅު" ގެނެސްދިން އަހުމަދު ޝިނާނެވެ.