މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގައި ހުރި ގުދަންތަކަކާއި ގެތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ 50 މެމްބަރުންގެ އިއްތިފާގުން މަޖިލިހަށް ބަލައިގަނެ، ބަހުސް ވަނީ ފަށައިފަ އެވެ. ބަހުސްގައި ގިނަ މެމްބަރުން ވިދާޅުވީ މާލޭގައި ހުރި ގުދަންތައް، މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަލިފާން އަވަހަށް ނިއްވޭނެ ނިޒާމުތަކެއް މާލޭގައި ގާއިމުކުރަން ޖެހޭ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
އަލިފާން ނިއްވުމުގައި ފުލުހުންނާއި ސިފައިން ބޭނުން ކުރާނެ ވަސީލަތްތައް ނެތުމުން އެކަމާ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ހެލިކޮޕްޓަރުން ފޮގް ފަދަ ތަކެތިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރަން ވެސް މެމްބަރަކު ގޮވައިލެއްވި އެވެ.
ދައުރުން ބޭރުން ބޭއްވި ދެ ވަނަ ޖަލްސާ އަށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި، އަބަދަށްފެހި މަގުގައި ހުރި ގެތަކާއި ގުދަންތަކުގައި އަލިފާން ރޯވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަން ފާހަގަ ކުރައްވާފައިވެ އެވެ. އެހެންވެ، އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރައްކާތެރިކަމާއި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މަޖިލީހުން ސަރުކާރަށް ބާރު އަޅަން ވެސް ގޮވާލި އެވެ.
ރިޔާސަތު ބެލެހެއްޓެވި، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލައަށް މެމްބަރުންގެ މެދުގައި އެއް ގަޑިއިރުގެ ބަހުސެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި ހަތް އިމާރާތެއްގައި ރޯވެ، ދިވެހި އަންހެނަކު ވަނީ މަރުވެފަ އެވެ. އެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ވަނީ ވަގުތީ ހިޔާވަހިކަން ދީފަ އެވެ. އެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގަ އެވެ.