ކްރޮސްރޯޑްސްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކާމިޔާބު ކަމާ އެކު ނިންމާލުމުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވެފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކްރޮސްރޯޑްސް ރަސްމީކޮށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ވިސްނުންތެރި ހިޔާލުތަކާއި ވިޔަފާރިތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. އަދި ވިދާޅުވީ ފޮރިން އިންވެސްޓްމެންޓްތަކަށް މުޅި ރާއްޖެ ހުޅުވާލާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކްރޮސްރޯޑްސް އިން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެފައިވާ އިރު އަންހެނުންނާއި ފިރިހެނުންނަށް އެއް ހަމައެއްގައި ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުއްމީދު ކުރައްވާ ކަމެކެވެ.
ކްރޮސްރޯޑްސްގެ ނުވަ ރަށް އެއްކޮށް ތަރައްގީ ކުރުމުން ގާތްގަނޑަކަށް 3،000 ވަޒީފާ އުފެފިގެންދާނެ އެވެ. ފުރަތަމަ ފިޔަވައްސާ އެކު ގާތްގަނޑަކަށް 1،000 ވަޒީފާ އުފެދުނު އިރު އޭގެ ތެރެއިން 600 މީހުންނަކީ ދިވެހިންނެވެ.
"ދިވެހި ރާއްޖެއަށް ފައިދާވާ ވިޔަފާރިތަކަށް އަބަދުވެސް މަރުހަބާ ކިޔަން. މިކަންކަމުގެ ތެރެއިން ދިވެހިންގެ ދިރިއުޅުން އިތުރަށް ރަނގަޅު ކުރެވޭނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ހުޅުވި ފުރަތަމަ އިންޓަގްރޭޓެޑް ރިސޯޓާ އެކު ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ. ތަފާތު ކޮންސެޕްޓަކަށް ތަރައްގީ ކުރި ކްރޮސްރޯޑްސްގައި ދިވެހި ސަގާފަތާއި ކުޑަކުދިންނަށް ހާއްސަ ތަންތަން ހުރުމަކީ ޓޫރިސްޓުންނަށް ރާއްޖެ އިތުރަށް އެނގުމަށް ލިބޭނެ ފުރުސަތެއް ކަން ފާހަގަކުރެއްވި އެވެ.
ކްރޮސްރޯޑްސްގެ މުޅި ޕްރޮޖެކްޓަށް 700 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ. ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މުޅި މަޝްރޫއުގެ މަސައްކަތް ނިިންމާލުމަކީ އެތަން ތަރައްގީ ކުރާ ތައިލެންޑްގެ ސިންހާ އެސްޓޭޓްގެ އަމާޒެވެ. ކްރޮސްރޯޑްސްގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ފިހާރަތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ރާއްޖޭގެ ސަގާފަތް ދައްކުވާދޭ ޑިސްކަވަރީ ސެންޓަރެއްގެ އިތުރުން މެރިން ޑިސްކަވަރީ ސެންޓަރެއް ވެސް ހުރެ އެވެ.
މީގެ އިތުރުން އިވެންޓް ހޯލަކާއި ދުނިޔޭގެ މަޝްހޫރު ބީޗް ކްލަބުން ހިންގާ ކެފޭ ޑެލްމާގެ ހިދުމަތް ވެސް އެތަނުން ލިބޭނެ އެވެ. މެރީނާ ސަރަހައްދުގެ އެންމެ ހާއްސަ އެއް ތަނަކީ ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ "ކޮއިމަލާ އެންޑް މާލިމީސް ޖޫނިއާ ބީޗް ކްލަބް އެންޑް ކޭމްޕް" އެވެ.
އެތަނުގައި ދެ ރިސޯޓް ވަނީ ހުޅުވައިފަ އެވެ. މީގެ ތެރެއިން ހާޑް ރޮކްގައި 178 ރޫމް، ހިލްޓަންގެ ސައި ލެގޫންގައި 198 ރޫމް ތަރައްގީކޮށްފައިވެ އެވެ.
ކްރޮސްރޯޑްސްގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ވެސް ވަކި ސަރަހައްދެއް ވެސް އަންނަނީ ތަރައްގީ ކުރަމުންނެވެ.