މި ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުުﷲ ޝާހިދު ފުރަތަމަ ފަހަރަށް ރަސްމީ ދަތުރެއްގައި މިއަދު ޗައިނާއަށް ވަޑައިގެންފި އެވެ.
ދެ ދުވަހުގެ މުއްދަތަށް މި ދަތުރު ކުރައްވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދައުވަތަކަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ ދަތުރުގައި ޗައިނާގެ ނައިބު ރައީސް ވޭންގް ގިޝާން އާއި ސްޓޭޓް ކައުންސިލްގެ އިތުރުން ފޮރިން މިނިސްޓަރު ވޭންގްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުުން އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ލީ ޑީޖީ ޕަންޑިއަން އަދި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ކުންފުނީގެ ރައީސް ލީ ޑައޮސޮންގްއާ ވެސް ބައްދަލުކުރައްވާނެ އެވެ.
މިނިސްޓްރީން ކުރިން ބުނިގޮތުގައި ޗައިނާ އަކީ ރާއްޖޭގެ ތަރައްގީ އަށް މުހިއްމު ބައިވެރިއެކެވެ. ރާއްޖެ އިން ދަމަހައްޓަމުން އަންނަ "ވަން ޗައިނާ" ޕޮލިސީ ހިފަހައްޓާނެ ކަމަށާއި އެ ގައުމުގެ "ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް" ގެ ބައިވެރިއެއްގެ ގޮތުގައި ވެސް ރާއްޖެ ދެމިއޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޝާހިދު ޗައިނާ އަށް މި ވަޑައިގަތީ ކުރިން ހަމަޖެއްސެވި ދަތުރު ފަސްކުރެއްވުމަށް ފަހު އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އާއި ވަރަށް ގާތް ގުޅުމެއް ބޭއްވިިޔަސް އާ ސަރުކާރުން އިސްކަން ދެނީ އަވަށްޓެރި އިންޑިއާއާ އެކު އޮތް ގުޅުން ވަރުގަދަކުރުމަށެވެ. ކުރީ ސަރުކާރުގެ ބޮޑު އެތައް މަޝްރޫއުއަކަށް ޗައިނާ އިން ހިލޭ އެހީ އާއި ލޯނު ދީފައިވެ އެވެ.