ކުރިއަށްދާނެ ދާއިރާ އިހުތިޔާރުކުރުމުގައި މަޖުބޫރުނުކޮށް ދަރިވަރުން ޝައުގުވެރިކަން ހުރި ކަމަކުން ކުރިއަށްދިއުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެދިވަޑައިގެންފި އެވެ.
މިިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން، ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދަރިވަރުން ކުރިއަށްދާނެ ރޮނގެއް އިހުތިޔާރު ކުރާއިރު ހަމައެކަނި ބަލަންވީ މަންމަ ނުވަތަ ބައްޕަގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބަލަންވީ ތިމާގެ ދަރިފުޅު ކުރަން އުއްމީދުކުރަނީ ކޮން ކަމެއްތޯ އަދި ގާބިލްކަން ހުރީ ކޮން ދާއިރާއަކުންތޯ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަންތައް ބެލުމަށްފަހު ބެލެނިވެރިންގެ ދައުރަކަށް ވާންވީ ދަރިވަރުންނަށް ހިތްވަރުދީ މަގުފަހިކޮށްދިނުން ކަމަށާއި އާއިލާއަށާއި ގައުމަށް ލިބޭ ފައިދާ ވެސް ބޮޑުވާނީ އޭރުން ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބުން ދަރިވަރުންގެ ކުރިމަގު ވެސް އުޖާލާވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދަނާކުރަން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށެވެ. އުމްރާނީގޮތުންނާއި ވަސީލަތުގެ ގޮތުން ސްކޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ. އިމްތިޚާނުތަކުން ދަރިވަރުން ހޯދާ މަތީ ނަތީޖާތަކުން އަންގައިދޭ އެއް ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި، އެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންގެ ބުރަ މަސައްކަތެވެ.
އެހެންކަމުން ފެންވަރު ރަނގަޅު ތައުލީމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު ޓީޗަރުންކަމަށާއި އެކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އަށް ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އެކަންކަން ފުރިހަމަކޮށް ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވި އެވެ. އޭރުން އެ ބަދަލުތައް އައުމުން ދަރިވަރުން ހޯދާ ކާމިޔާބީ އެތައް ގުނައެއް މައްޗަށް ދާނެކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސާނަވީ ތައުލީމް ނިންމުމަށްފަހު ދަރިވަރުން ދެން ކުރިމަތިލާ މަތީ ސާނަވީ އަދި ޔުނިވާސިޓީ ތައުލީމަކީ ދަރިވަރުން ޒިންމާދާރު ބަޔަކަށް ހަދައިދޭ މަރުހަލާ ކަމަށެވެ. ހަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަންކަން އެ މަރުހަލާގައި ދަސްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"އެ މަރުހަލާގައި ކޮންމެ ކުއްޖެއްގެ ހަޔާތުގައި ވެސް ޝަހުސިއްޔަތެއް އުފެދިގެން އަންނާނެ. ކޮންމެ ކުއްޖަކު ވެސް ވިސްނަންވީ ހަރުދަނާ ޝަހުސިއްޔަތެއް އުފެއްދުމަށް. ސަރުކާރުގެ މުޅި މިސްރާބު ހުރީ ރާއްޖެ އަށް ބޭނުންވާ ފެންވަރުގެ އިންސާނީ ވަސީލަތްތައް ގާއިމްކުރުން. ވަކި މަރުހަލާއެއް ތަފާތުނުކޮށް، ތައުލީމުގެ ހުރިހާ ފުރުސަތެއް ފަހިކޮށްދެމުން އަންނަނީ އުފެއްދުންތެރި ފަރުދުންގެ މުހިއްމުކަން ބޮޑުކަމުން،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
މައިންބަފައިންގެ ހެޔޮ ނަސޭހަތްތައް ގަބޫލުކޮށް އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި ސާބިތުވެ ތިބުމަށް ރައީސް ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ކޮންމެ ކަމެއްގައި ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމާއި އަނެކުންނަށް އިހުތިރާމްކުރުމާއި އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
މިއީ އަބަދު ވެސް ހައްގުތަކުގެ ވާހަކަ ދައްކާ ޒަމާން ކަމަށާއި އެހެންކަމުން ހައްގުތަކާއެކު ޒިންމާތަކެއް ވާނެކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި މުޖުތަމައުގައި އަދުލުވެރިކަމާއި އުފާވެރިކަން ދެމިއޮންނާނީ އެ ޒިންމާތައް އަދާކޮށްގެން ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު 6،000 އަށްވުރެ ގިނަ ދަރިވަރުން އޯ ލެވެލް އިމްތިޚާނު ހެދިއިރު އޭގެ ތެރެއިން 404 ދަރިވަރުން ވަނީ ގައުމީ ގަދަ ދިހެއްގައި ހިމެނިފަ އެވެ.