މިއަދު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައުރުވަނީ ކޮންމެވެސް ފޮތަކާއެކު ނަގާފައިވާ ފޮޓޯތަކެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ލިޔަންކިޔަން ދަތުމުގެ ދުވަހުގެ މުނާސަބަތުގައި އެންމެން ވެސް ޓްވީޓް ކުރަމުން އަންނަނީ ފޮތް ކިޔަން އެދި އެވެ. އެކަމަކު މީގެ ސާޅީހަކަށް އަހަރު ކުރިއަށް ބަލާ ނަމަ، ރާއްޖޭގައި ލިޔަން ކިޔަން ދަންނަ މީހުން މަދެވެ. އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބުރަ މަސައްކަތްޕުޅުން ވަނީ ލިޔަން ކިޔަން ދަތުމުގެ ރޭޓު 30 ޕަސެންޓުން 98 ޕަސެންޓަށް ވުރެ މައްޗަށް ގެންގޮސްފަ އެވެ.
ލިޔަން ކިޔަން ދަސްކޮށްދިނުމަށް މައުމޫން ހިންގެވި އެ ޕްރޮގްރާމް ކާމިޔާބުވުމުގެ އެއް ސިއްރަކީ މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި، އޭރު އެންމެ ފޯރީގައި ޖެހި "ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ" ލަވަ އެވެ. އެ މަނިކުފާނު މިއަދު ވަނީ، އެ ލަވަ ވިދާޅުވި ހޮޅުދޫ އަބްދުﷲ ހަސަންއަށް މަރުހަބާ ދަންނަވާފަ އެވެ.
ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސާސީ ތައުލީމު ޕްރޮގްރާމް ކާމިޔާބު ވުމުގައިި، ގައުމީ އިނާމު ހާސިލް ކުރައްވާފައިވާ ހޮޅުދޫ އަބްދުﷲ ވިދާޅުވި އެ ލަވަ ވަރަށް ބޮޑު ހިއްސާއެއްވާ ކަމަށެވެ.
"އެ މަނިކުފާނަށް މިއަދުގެ މުނާސަބަތުގައި ވަރަށް ހޫނު މަރްޙަބާ އެއް ދަންނަވަން،" މައުމޫންގެ ޓްވީޓްގައި ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ފަހުން މައުމޫން ވަނީ މުޅި ރާއްޖޭގައި ލިޔަން ކިޔަން ދަސްކޮށްދިނުމަށް އަސާސީ ކްލާސްތަކެއް ހިންގަވާފަ އެވެ. ކިރިޔާ ވެސް އަސާސީ ތައުލީމް ހުރި މީހަކު ވިއްޔާ އެ ޕްރޮގްރާމްގައި ހިލޭ ސާބަހަށް ބައިވެރިވެ، މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދިނެވެ.
މައުމޫން ވެސް ބައެއް ކްލާސްތައް ނަންގަވައިދެއްވި އެވެ.
މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކްލާސްތައް ހިންގި އެވެ. ބައެއް ރަށްރަށުގައި އަތިރިމަތީ ހޮޅުއަށީގައި ވެސް ކިޔަވައިދިނެވެ.
މި ޕްރޮގްރާމުގައި ފޯރި ޖެއްސުމަށް، ޅެންވެރިޔާ ޔޫސުފް މުހައްމަދުފުޅު ވަރަށް ގިނަ ޅެންތައް ހެއްދެވި އެވެ. "ވަޑައިގަންނަވާށޭ ކިލާހަށް" ލަވަ އަކީ ވެސް އޭނާގެ ޅެމެކެވެ. ހުރިހާ ލަވަތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް މަގުބޫލުވީ އެ ލަވަ އެވެ.
ވަރަށް ފަހަކާ ޖެހެންދެން ވެސް މި ލަވަ، ދިވެހި ރާއްޖޭގެ އަޑުން ކޮންމެ ދުވަހެއްގެ ހެނދުނު ގެނެސްދިނެވެ. އެހެންވެ، އިލްމު އުނގެނުމުގައި ދިވެހިންގެ އެންމެ ފުން ހަނދާންތަކާ ގުޅިފައިވަނީ މިލަވަ އެވެ.
މިއަދު ރާއްޖެއަކީ ލިޔަން ކިޔަން ދަތުމުގައި ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ގައުމެކެވެ. ހުރިހާ ވެސް ޝުކުރެއް، އެ ޕްރޮގްރާމް ހިންގެވި މައުމޫނަށާއި އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށެވެ.