"ޖަޒީރާ ބޭންޑު" ން ބ. ކެންދޫގައި މި ފަހަރުގެ ބޮޑު އީދު ބަންދުގައި ފޯރިގަދަ މިއުޒިކް ޝޯ ތަކެއް ބާއްވަން ނިންމައިފި އެވެ.
މައުޒޫމް ސްޓޫޑިއޯގެ ވެރިޔާ، ހުސެއިން މައުޒޫމްގެ މަސްއޫލުވެރިކަމުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ބޭންޑުގެ ހަރަކާތްތަކުން ދިވެހި ވަންތަކަން ވަރަށް ރަނގަޅަށް ފެންނާނެ އެވެ. އެވޭލާ މިއުޒިކް، އޭގެ އަސްލު ގެއްލުވައި ނުލައި ދިރުވައި އާލާކުރުމުގެ މަސައްކަތް ކުރުމަކީ ހަތް މެމްބަރުންގެ ޓީމުން އިސްކަންދޭނެ ކަމެކެވެ.
ހަރުމޮނިޔާ އާއި މިހާރު ގެއްލެމުންދާ ދިވެހި ބުންބެރާ އެކު، ޖަޒީރާ ބޭންޑުން ކުޅެމުންދާ މިއުޒިކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އިންޓަ ސްކޫލު ލަވަ މުބާރާތުން ވިދާލި އަދި އޭގެ ފަހުން އެންޓާރީޒް ބޭންޑުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިބްރާހިމް ޝާހިދާއި ޝަހީދާ ރިފްއަތެވެ. އޭގެ އިތުރުން، ޓީމުގައި ދެން ވެސް ހިމެނެނީ ގެއްލިފައި ތިބި ތަރިންނެވެ.
މައުޒޫމް ބުނިގޮތުގައި، އީދުގައި ކެންދޫގެ އިތުރުން އެހެން ސަރަހައްދުތަކުގައި ވެސް ޝޯ ދޭނެ އެވެ. އެގޮތުން މާލެއިން އުތުރުގެ އަތޮޅުތަކުގައި އެ ބޭންޑުގެ ތަފާތު ހުނަރުތަކެއް ދައްކާލާނެ ކަމަށް ބުންޏެވެ.
"މި އަހަރުގެ އެކި ކަންކޮޅުތަކުގައި ޝޯ ތަައް ދޭނެ. ރަށްފުށުގެ މިއުޒިކް ވަރަށް ބޮޑަށް ފެނިގެންދާނެ،" މައުޒޫމް ބުންޏެވެ.
ބޭންޑަށް ޖަޒީރާގެ ނަން ދިނީ ވެސް ރާއްޖެއާ ގުޅުވައިލުމަށެވެ.. އެގޮތުން ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއްގައި ޝޯ ހުށަހަޅާއިރު، ވީހާ ވެސް ގުޅޭ ނަމެއް ކިޔައި، ދިވެހި ވަންތަކަން ދައްކުވައިދިނުމަކީ އެ ގުރޫޕްގެ އަމާޒެވެ.
ޝޯތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދަން 7783434 އަށް ގުޅަން އެ ބޭންޑުން އެދެ އެވެ.