ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ސީޝެލްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ސީޝެލްސްގެ ރައީސް ޑެނީ ފޯގެ ދައުވަތަކަށް ރައީސްގެ ދެ ކަނބަލުން މިއަދު އެ ގައުމަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ސީޝެލްސްގެ ރައީސް އޮފީހުގައި ކުރިޔަށްގެންދެވި ވާހަކަތަކުގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެ އާއި ސީޝެލްސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ދެ ގައުމު ދެމެދުގައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ކުދި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންނާއި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ކަންކަން ހިމެނެ އެވެ. އެގޮތުން ކަނޑުމަތީގައި ހިންގާ ފޭރުމާ އެނޫން ވެސް އެފަދަ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމުގައި އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަންކަމާ އަދި ނޫ އިގުތިސާދެއް ބިނާކުރުމުގައި އެއްބާރުލުން ދިނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ރާއްޖޭގައި ބޭއްވުމަށް ސީޝެލްސްއިން ތާއީދު ކޮށްދެއްވާފައިވާތީ ޝުކުރު ދަންނަވާފަ އެވެ. އަދި ކުޅިވަރުގެ ދާއިރާއިން ސީޝެލްސްއާ އެކުގައި މިއަދު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ކުރިޔަށްއޮތް އައިއޯއައިޖީ އަށް ރާއްޖެ ތައްޔާރުވުމަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސީޝެލްސްގެ ރައީސްގެ ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
ސީޝެލްސްގެ ރައީސްގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ ދެ ކަނބަލުންގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މިއީ ރައީސް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއް ކުރައްވާ ހަތް ވަނަ ގައުމެވެ. އެމަނިކުފާނު މީގެ ކުރިން ވަނީ އިންޑިއާ، ސްރީ ލަންކާ، މޮރިޝަސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ސައުދީ އަރަބިއްޔާ އަދި ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ.