މާފުށީ ޖަލުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ގައިދީންތަކެއްގެ ގައިގައި ތަޅައި އަނިޔާކުރި އޮފިސަރުންނަށް ފިޔަވަޅު އަޅަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑިސިޕްލިނަރީ ބޯޑުގައި އެދިއްޖެ އެވެ.
މިގޮތަށް އެދުނީ ކަރެކްޝަނަލް ސާވިސްގެ ފޯސް ރިވިއު ކޮމިޓީން އެ މައްސަލަ ބަލައި އެކުލަވައިލި ރިޕޯޓާ ގުޅިގެންނެވެ. އެ ހާދިސާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ފޯސް ރިވިއު ކޮމިޓީގެ ރިޕޯޓުގައިވާ ކަމަށް ކަރެކްޝަނަލް ސާވިސް މިއަދު އިން ބުންޏެވެ.
އެކަމަކު ފިޔަވަޅު އަޅަން އެދުނީ ކިތައް އޮފިސަރުންނަށް ކަމެއް އެތަނަކުން ނުބުނެ އެވެ.
ގައިދީންނަށް އަނިޔާކުރި މައްސަލައިގައި ކުރިން ފިޔަވަޅު އެޅީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަށް އެކަންޏެވެ. އޭނާ ސަސްޕެންޑްކުރީ ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި ޖަލުގައި ހިނގާ އެފަދަ ކަންކަން ހުއްޓުވައި، ޒިންމާ ނަގަން ޖެހެނީ އޭނާ ކަމަށްވާތީ އެވެ.
ޑިސިޕްލިނަރީ ބޯޑުން އޭނާގެ މައްސަލަ ބެލުމަށް ފަހު، ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި އޭނާ ވަޒީފާ އަށް ނުކުންނަން އެންގީ ސަސްޕެންޝަން ދަމަހައްޓާނެ ތަނެއް ނެތް ކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމުމުންނެވެ.
ޖަލުގައި ހަމަނުޖެހުން ހިނގީ ޝަރީއަތްތައް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ޔޫ ހަތަރެއްގަ އެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ފުރަތަމަ ހަމަލާދިނީ ގައިދީ އެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ.
އެ ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވި އެވެ. އެ ކަންކަމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށައިލި އެވެ.
ކަރެކްޝަނަލް ސާވިސްގެ ބަޔާނުގައި ބުނީ، އެތަނުގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާ އެކު ،ކުށުގެ ވެށިން ސަލާމަތްކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައަށް މީހުން ނެރުމުގެ ޒިންމާ ފުރިހަމަ އަށް އުފުލާ ބަޔަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. އެކަމަށްޓަކައި ބޭނުންވާ ތައުލީމާއި ތަމްރީނާއި ހުނަރު ހޯދައިދީގެން ގާބިލް އޮފިސަރުން ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.