ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިކާ ސްކޮޓްލޭންޑާ ރާއްޖޭން އިއްޔެ މަޝްވަރާކޮށްފި އެވެ.
ކޮމަންވެލްތާ އަލުން ގުޅެން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ރާއްޖޭގެ ފަރާތުން މަޝްވަރާ ކުރެއްވީ އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ކޮމަންވެލްތާ އަލުން ގުޅެން ރާއްޖޭން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ފަރަހަނާޒާއި ޕެޓްރިކާ ކުރެއްވި މަޝްވަރާތައް ދިޔައީ ރަނގަޅަށް ކަމަށެވެ. އަދި ބުނީ އެ ޖަމާއަތުގެ ސެކްރެޓޭރިއަޓްގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެ އަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އިނގިރޭސި ޕާލަމެންޓްގެ މެމްބަރު އަދި މޯލްޑިވްސް ޔޫކޭ އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ލޯޑް ވޭވަލީއާ ވެސް ފަރަހަނާޒް އިއްޔެ ބައްދަލުކުރެއްވި އެވެ. އޭނާއާ ވެސް މަޝްވަރާ ކުރެއްވި އެއް ކަމަކީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުން އަވަސްކުރުމެވެ. އޭގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުމާއި އެ ގައުމުގެ އިންވެސްޓްމެންޓްތައްް ރާއްޖެ އަށް ގެނައުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ރާއްޖެ ކޮމަންވެލްތާ އަލުން ގުޅެން ހުށަހެޅުމުން ރާއްޖެއާ ބެހޭ ގޮތުން ބައެއް ކަންތައްތައް އޮޅުންފިލުމަށް ޓަކައި ހުށަހަޅަން އެ ޖަމާއަތުން އެދުނު ލިޔެކިއުންތައް ރާއްޖޭން ހުށަހެޅީ މިދިޔަ ޖޫންމަހު އެވެ. އެ ލިޔެކިއުންތައް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ހަވާލުކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަމަށް ޓަކައި ކުރެއްވި ދަތުރެއްގަ އެވެ.
ކޮމަންވެލްތާ ގުޅުނުތާ 34 އަހަރު ފަހުން ރާއްޖެ އެ ޖަމާއަތުން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ އެ ޖަމާއަތާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގަ އެވެ. ސަރުކާރުން އޭރު ބުނީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ މާ ބޮޑަށް ބެހެމުންދާ ކަމަށެވެ.
ކޮމަންވެލްތާ އަލުން ގުޅެން ރާއްޖޭން ހުށަހެޅީ ރައީސް އިބްރާހީމް މުހައްްމަދު ސޯލިހުގެ ސަރުކާރުންނެވެ. ރާއްޖެ އެ ޖަމާއަތާ އަލުން ގުޅެންް ހުށަހެޅުމުން ރާއްޖޭގެ ހާލަތު އޮތް ގޮތް ވަަޒަން ކުރުމަަށް ބައެއްް ކަންތައްތައް އޮޅުންފިލުވަން އެ ޖަމާއަތުން އެދުނެވެ.