މާލޭގައި ތަންތަން އިމާރާތް ކުރަމުންދާ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ވިޔާފަރިވެރިޔާ އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލިހުން ބޭރުކޮށްލައިފި އެވެ.
ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުން ވޯޓު ދެއްވީ އެ ކުއްލި މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އެ މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަ މެމްބަރުންނެވެ.
މަޖިލިހުގެ ޖަލްސާ އަށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ މާލެއަކީ ގިނަ އަދަދަކަށް އުސް އިމާރާތްތައް ހަދަމުން އަންނަ ރަށަކަށްވީ ހިނދު، މާލޭގައި ހިނގާ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ހިނގާ ކުންފުނިތަކުގެ ފަރުވާ ކުރުމުގެ ނަތީޖާ އިންތިހާ އަށް ގޯސްވެފައިވާ ކަމަށެވެ.
އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކިއެކި ބޭނުންތަކަށް ޒިޔާރަތް ކުރާ މީހުންގެ އަގުބޮޑު ފުރާނަ ގެއްލިގެން ދިއުމާއި އަދި ބޮޑެތި އަނިޔާތައް ލިބެމުން އަންނަ ކަމަށް ކުއްލި މައްސަލައިގައިވެ އެވެ.
މިއީ ސަރުކާރުގެ އެކިއެކި ފަރާތްތަކުން ފިޔަވަޅު އަޅައި އަވަސް ހައްލެއް ގެންނަން ޖެހިފައިވާ ބިރުވެރި މައްސަލައެއް ކަމަށް ވެސް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވެ އެވެ. އެހެންވެ، ސަރުކާރުން ވީ އެންމެ އަވަހަކަށް މައްސަލަ އަށް ހައްލު ހޯދައިދޭން ޖާބިރުގެ ކުއްލި މައްސަލައިގައި އެދިވަޑައިގެންފައި ވެ އެވެ.
ކޮންސްޓްރަކްޝަން ހާދިސާތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި އާންމުންނާއި މަސައްކަތްތެރިންނަށް އަނިޔާވާތީ، އެކަމަށް ހައްލެއް ހޯދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ އިރު ސަލާމަތީ ކަންތައް ވަރުގަދަ ކުރަން އިމާރާތްކުރުމުގެ ގަވާއިދެއް އެކުލަވާލާފައި ވެ އެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުން ދިޔަ ތަނަކުން އެ ތަނުގައި މަސައްކަތްކުރަން އުޅުނު ބަންގްލަދޭޝް މަސައްކަތު މީހެއްގެ ބޮލަށް ޖަމްބޯ ބޭގެއް ވެއްޓި ބަންގްލަދޭޝް މީހަކު ވަނީ މަރުވެފަ އެވެ. މި އަހަރު ކުރީކޮޅު މާލޭގައި ވެސް ވަނީ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަ އަންހެން ކުއްޖަކު ވެސް މަރުވެފަ އެވެ. އަދި އޭގެ ފަހުން ވެސް ބޮލަށް ގަލެއް ވެއްޓިގެން ވެސް މީހަކު މަރުވެފައިވެ އެވެ.
މި ހާދިސާތަކާ ގުޅިގެން، އިހުމާލުވި ފަރާތްތައް ޖޫރިމަނާކޮށް ބައެއް މީހުންގެ މައްޗަށް ވަނީ ޖިނާއީ ދައުވާ ވެސް ކޮށްފަ އެވެ.